މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުން ހަމަމަގަށް އަޅުވަން ބެލެނިވެރިންނާއި ޓީޗަރުން އަތުގުޅާލަންޖެހޭ

Sep 11, 2022
2

ލިޔުނީ: އައިމިނަތު ޒީޝާން އަލީ

ކިޔަވާ ކުދިންނޭ ބުނުމުން ސިފަވަނީ އަޚްލާގް ރަނގަޅު، ސްކޫލްގައި މުދައްރިސުންގެ ބަސް އަހާ އަދި ގޭގައި މައިން ބަފައިންނަށް ކަމޭހިތާ ކުދިންތަކެއްގެ ގޮތުގަ އެވެ. ވަގުތުން ވަގުތައް ނަމާދުކުރާ، ގުރުއާން ކިޔަވާ، އިސްލާމީ ތަރުބިއްޔަތެއްގެ މަތީގައި ތިބޭ ކުދިންގެ ގޮތުގަ އެވެ.

މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ސްކޫލްގައި ކިޔަވަމުންދިޔަ އިރު އޭރުގެ ރިޕޯޓް ފޯމްގައި ސްކޫލް ކުދިންނަށް މަނާ އެތައް ކަމެއް ލިޔެފައި އޮވެ އެވެ. މިކަންކަމަކީ ބެލެނިވެރިން މިކަންކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދިން ކަންތައްތަކެވެ. ރޭގނޑު 9 އެއްގެ ފަހުން ގެއިން ބޭރުގައި އުޅުމަކީވެސް އޭރު ސްކޫލް ކުދިންނަށް މަނާ ކަމެކެވެ. ހަޑި ހުތުރު ބަސް ބޭނުންކޮށް ހަނގާ ކުރުމަކީ ވަރަށް ބޮޑަށް މަނާ ކޮށްފައިވާ ކަމެކެވެ. އެއީ ސްކޫލް ކުއްޖަކަށް ކުރެވޭނެ ވަރަށް ބޮޑު ކުށެކެވެ. އޭރު އެއީ މިހާރާ އަޅާ ބަލާއިރު ސްކޫލް ކުދިން ދުނިޔެއަށް އެހާ ބޮޑަށް ލޯހުޅުވިފައިވާ ޒަމާނެއް ވެސް ނޫނެވެ. އިންޓަނެޓާއި، ފޯނު، ލެޕްޓޮޕާއި، ކޮމްޕިއުޓަރަކީ އޭރުގައި ވަރަށް މަދު އެއްޗެކެވެ. ގޭތެރޭގައި މައިންބަފައިން ދެއްކި މަންޒަރެއް ނޫނިއްޔާ ކުދިންނަކަށް ނުފެންނާނެ އެވެ. ސްކޫލްގައި ހުރިހާ ކުދިން ތިބެނީ އެކުދިންނަށް ވަރަށް ރައްކާތެރި މާހައުލެއްގަ އެވެ. ސްކޫލުން ކުއްޖާގެ އުޅުމާ މެދު ޝަކުވާއެއް އޮތް ނަމަ މައިންބަފައިން އެކަން ދިފާއުކޮށް އާންމުކޮށް ނޫޅޭނެ އެވެ. އަދި ސްކޫލުން ކުރާ ޝަކުވާތައް ހައްލުކުރަން ގަދައަޅާ މަސައްކަތް ކުރެއެވެ.

ނަމަވެސް ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިއަދު ދުނިޔޭގެ ހުރިހާ މައުލޫމާތެއް ހުރިހާ ވަގުތަކުވެސް ދަރިވަރުންނަށް ލިބެން އެބަހުއްޓެވެ. ލެޕްޓޮޕް، ޓެބްލެޓް ނުވަތަ ފޯނެއް ނުގެންގުޅޭ ކުއްޖަކު މިހާރު ރާއްޖޭގައި ނެތޭ ބުންޏަސް ގޯހަކަށް ނުވާނެ އެވެ. އިންޓަނެޓްގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު ވެސް ކޮންމެ މައުލޫމާތެއް ވެސް ހޯދޭނެ އެވެ. ރަނގަޅު މަންޒަރާއި މައުލޫމާތާއި އެއްވަރަށް ގޯސް އާދަކާދަ އާއި އުމުރުފުރަ އާއި ނުގުޅޭ އަޑާއި މަންޒަރުތައް ވެސް އެކުދިންނަށް ކޮންމެ ވަގުތަކު ބަލާލެވޭނެހެން ހުރިހާ ކަމެއް އެވަނީ މުށުތެރޭގަ އެވެ.

އުމުރުން ދެ އަހަރާ ބައި ނުވަތަ ތިން އަހަރުގައި ޓެބްލެޓްގެ ޒަރިއްޔާއިން ވީޑީއޯ ލަވަ ބަލަން އަދާ ނުވާ ކުއްޖަކު މިހާރު ނުހުންނާނެ އެވެ. މިފަދަ ވަސީލަތެއް ނެތް ކުއްޖާވެސް ސްކޫލަށް ދިއުމުން އެންމެ ފަހުގެ ހަބަރާއި ޓްރެންޑްތައް ރައްޓެހި ކުއްޖާގެ ފަރާތުން އެނގި ދަސްވެގެންދެ އެވެ. މިކަންކަން މޮނީޓާކޮށް ބެލެހެއްޓެނީ ވަރަށް މަދު މައިންބަފައިނަށެވެ. އަދި ސްކޫލް ތަކުގައިވެސް މިކަހަލަ ނޭދެވޭ ކަންކަން ފެތުރޭލެއް ހަލުވިކަމުން އެކަންކަން ހުއްޓުވަން މުދައްރިސުންނަށް ވެސް އެޅިފައި ހުންނަނީ ވަރަށް އާދައިގެ މަދު ފިޔަވަޅުތަކެކެވެ.

ދިވެހިރާއްޖޭގެ އެކި ހިސާބުގައި ސްކޫލްތަކުގައި ހިންގޭ ބުލީކުރުން ނުވަތަ ހަނގާ ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 'އައި ވޯސް ޖަސްޓް ޖޯކިން' މިއީ ހަނގާ ކުރުމަށްފަހު ގިނަ ކުދިން ބުނާ އަތްމަތި ބަހެކެވެ. ސުވާލަކީ ހަނގާ ކުރާ ކުދިން އެކަން އެކުރަނީ އެއީ ކޮން ފަދަ ނޭދެވޭ ކަމެއް ކަމާއި އޭގެން ނިކުމެދާނެ ހިތި ނަތީޖާއެއް މުދައްރިސުންނާއި ބެލެނިވެރިންނަށް ބުނެ ނުދެވޭތީ ހެއްޔެވެ؟ އާންމު އަޚްލާގީ މިންގަނޑުން ބޭރުން ބޭނުން ކުރެވޭ ބަސްތައް އާންމުކޮށް ވާހަކަ ދެއްކުމުގައި ކުދީން ބޭނުން ކުރާއިރު އެއީ އެހާ ބޮޑު ކަމަކަށް މިހާރު ނުވަނީ ހެއްޔެވެ؟ \ގްރޫޕް ހަދާފައި އެބަލާ ޓިކް ޓޮކް ވީޑިއޯ ތަކާއި ފޭސްބުކް އިން ނުދަންނަ އެތައް މީހަކާ، ކުދިން ވާހަކަ ދެއްކުމަށް ދޫކޮށްލެވިފައިވާ ދޫކޮށްލުން އެއީ މައިންބަފައިން ނުވަތަ ޓީޗަރުން ޒިންމާވާން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟

ދަރިވަރުންނަށް ދޫދެވުނުލެއް ބޮޑުކަމުން މިހާރު މިވަނީ ދަރިވަރުންގެ އަޚްލާގީ ފޭރާން ވަރަށް ބޮޑަށް ވީދައިގެން ގޮސްފަ އެވެ. ސްކޫލްގައި ކުއްޖަކާ މައްސަލަ ޖެހޭ އިރަށް އެ ކުއްޖަކަށް ހަނގާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުން އާދަވަމުން އެބަދެ އެވެ. މިފަދަ އަމަލުތައް ކުރުމަކީ އަނިޔާދޭ ކުއްޖާގެ މަޝްހޫރުކަން އިތުރުވާ ސަބަބަކަށް ވުން މިއީ ބެލެނިވެރިންނާއި ޓީޗަރުންވެސް އަދި ސްކޫލްގެ އިސްވެރިން ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. ސަބަބަކީ މިކަހަލަ މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެން ގޮސް މިފަދަ ކުދިން މުޖުތަމައުގެ އެންމެ ނުރައްކާތެރި ކުށްވެރިންނަށް ވަމުންދާތީ އެވެ.

މުޖުތަމައު ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ ސްކޫލް އުމުރުފުރާގެ ކުދިން ދަނީ އިތުރު ވަމުންނެވެ. ގޭންގް ތަކާއި ގުޅި މަސްތުވާތަކެތީގެ ވަބާގައި ޖެހިގެންދާ ކުދިންވެސް މަދެއް ނޫނެވެ. އެކުދިން ދެކޭ ގޮތުގައި މިއީ ވަރަށް ކޫލް ޓްރެންޑެކެވެ. ނަމަވެސް ހަލާކުވެގެން މިދަނީ މި ގައުމުގެ ޒުވާން ޖީލެވެ. މިކަންކަން ހައްލުކުރަން މައިންބަފައިންނާއި ކަމާ ބެހޭ އިދާރާތަކުން ވަރަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފަ އެވެ. އަދި ސްކޫލް އުމުރުފުރާގެ ކުދިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސަކޫލްތަކުގައި އަދި ސްކޫލުން ބޭރުގައި ވެސް ހަނގާކުރުން އިތުރުވެފައިވާތީ ހަނގާ ކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަމާ ގުޅޭ ވަރަށް މުހިއްމު ފޮތެއް އެކުލަވާލާ އާންމުކޮށްފަ އެވެ. ސައިބާ ސޭފްޓީގެ ނަމުން ނަން ދީފައިވާ މި ފޮތަކީ އިންޓަނެޓާއި ސޯޝަލްމީޑިއާ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުން ދިމާވެދާނެ ނުރައްކާތަކުން ދަރިވަރުން ރައްކާތެރިކުރާނެ ގޮތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ސައިބާ ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ފަންނީ ލަފާ ހޯދައިގެން އެކުލަވާލި މި ފޮތް ޗާޕްކޮށް ނެރުނީ 2020 ވަނަ އަހަރު އެވެ. މިފޮތުގައި ބެލެނިވެރިންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ހިމަނައިފައިވެ އެވެ. އެގޮތުން ކުޑަކުދިންނާ ނުގުޅޭ ސައިޓް ތަކުގައި ޕޭރަންޓަލް ލޮކް ހިމަނާނެ ގޮތާއި، ރައްކާތެރި ގޮތުގައި އިންޓަނެޓާއި މީސްމީޑިއާ ބޭނުން ކުރާނެ ގޮތް ދަރިވަރުންނަށް ބުނެދިނުމާއި، އިންޓަނެޓް ބޭނުން ކުރާނެ އުސޫލެއް ދަރިވަރުންނަށް ކަނޑައަޅައި ދިނުން ހިމެނެ އެވެ.

މުޅި ދުނިޔެއަށް ދަރިންގެ ލޯހުޅުވައި ދިނުމުގެ ކުރިން ދަރިންނަށް ދޭންޖެހޭ އެތައް ނަސޭހަތެއް ވެސް މިފޮތުގައިވެ ވެއެވެ. ވީމާ މިފޮތަކީ ކޮންމެ މަންމަ އަކާއި ބައްޕައަކު ކިޔާލުން ވަރަށް މުހިންމު ފޮތެކެވެ.

ކުޑަ ކުދިންނަކީ މަޑު ފުށްކޮޅެއް ކަހަލަ ބައެކެވެ. ބޭނުން ތަރުބިއަޔަތެއް ދީ ބޭނުން މިސްރާބަކަށް ގެންދެވޭނެ ބައެކެވެ. މިކުދިންނަކީ މުޖުތަމައަށް ފައިދާ ހުރި އަޚްލާގް ރަނގަޅު ބައެއް ކަމުގައި ހެދުމުގެ ޒިންމާ ވަނީ ދެ ފަރާތަކަށެވެ. އެއީ އެކުދިންގެ މައިންބަފައިނާއި ސްކޫލްތަކުގެ މުދައްރިސުންނާއި އިސް ވެރިންނެވެ. މި ދެފަރާތުންވެސް އެއް މަގުސަދެއްގައި މަސައްކަތް ކޮށްފިނަމަ ހަނގާ ކުރުމާއި ހަޑި ހުތުރު ބަސް ބޭނުންކޮށް މުއާމަލާތް ކުރުމާއި ދަރިވަރުންނަށް އެނގެން ނުޖެހޭ ކަންކަމުން އެކުދިން ދުރުހެލި ކުރެވިދާނެ އެވެ. ބޭނުން ވަނީ އެއް މަގުުސަދެއްގައި އެއް ޓީމެއްގެ ގޮތުގައި މުދައްރިސުންނާއި ބެލެނިވެރިން މަސައްކަތް ކޮށްލުމެވެ.