އިންޑިއާގެ ބޮޑު ވަޒީރުގެ ފަރާތްޕުޅުން ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލުކުރެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި އެގައުމުގެ ފޮރިން ސެކެޓްރީ، ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރު، އެބޭފުޅާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ޑރ. ޖައި ޝަންކަރް ރާއްޖެއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގަ އެވެ. އެމަނިކުފާނު ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ބައްދަލުކުރައްވާފަ އެވެ. ފުރާވަޑައިގެންނެވީ މިއަދު ހެނދު އެވެ. ދަތުރުފުޅާ ގުޅޭ ގޮތުން އިންޑިއާ ހައިކޮމިޝަންގެ ރަސްމީ ޓްވިޓާގައި ބުނެފައި ވަނީ ދަތުރުފުޅު ކާމިޔާބު ކަމަށެވެ.
ޖައި ޝަންކަރާއި ރައީސް އަބްދުﷲ ޔާމީންގެ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އެކި ދާއިރާތަކުން އިންޑިއާއިން އެހީތެރިކަން ދިނުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ރައީސް ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ މައުލޫމާތުތައް ފޮރިން ސެކްރެޓަރީއަށް ދެއްވައިފަ އެވެ.
ފޮރިން ސެކެޓްރީ ޑރ. ޖައި ޝަންކަރް ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، ރާއްޖޭގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ ލަންކާ އަށެވެ. މި ދަތުރުގައި އޭނާ ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ އެކުވެސް މަޝްވަރާ ކުރައްވައިފަ އެވެ.