އެމްއެމްޕީއާރުސީގެ ހިޔާނާތް

ޔާމީނަށް އެއްމިލިއަން ޑޮލަރު ގަނެވޭނެ ގޮތް ހަދައިދިނިން: މުހައްމަދު އިސްމާއީލް

Sep 10, 2022
3

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް މިިލިއަން ޑޮލަރު ގަންނަން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ އަތުން ޑޮލަރު ހޯދައިދީފައިވާނެ ކަމަށް ވިދާޅުވެ ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް، ރައީސް ޔާމީނާ އެއްކޮޅަށް ކޯޓުގައި ހެކި ބަސް ދެއްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާ ކަމަށް ބުނެ ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅީ ދައުވާގައި ބުނާ އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތެއް ކަން ސާބިތުކުރުމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި މިއަދު ހެކިބަސް ދެއްވަމުން މުހައްމަދު އިސްލާއީލް ވިދާޅުވީ ބޭންކް ރޭޓުގައި ޑޮލަރު ގަންނާނެ މީހަކު ހޯދުމަށް ރައީސް ޔާމީން އެދިވަޑައިގަތުމާ ގުޅިގެން ޔޫސުފް ނައީމަށް ގުޅުއްވައި އޭނާ އެކަމަށް އެއްބަސްވުމުން ރައީސް ޔާމީނަށް އެ މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި އެ މުއާމަލާތް ހިނގާ ނިމުމުން އެކަން ނިމުނު ކަން ޔޫސުފް ނައީމު އޭނާއަށް އެންގެވި ކަމަށްވެސް މުހައްމަދު އިސްމާއީލް ވިދާޅުވެފައިވެ އެވެ.

ޔޫސުފް ނައީމު އަތުން ޑޮލަރު ގަނެފައިވާ ކަމަށް ވިދާޅުވެ މުހައްމަދު އިސްމާއީލް ހެކި ބަސް ދެއްވުމުން ދައުލަތުގެ ވަކީލުން ވަނީ ޔޫސުފް ނައީމަކީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރަން ހުއްދަ އޮތް ބޭފުޅެއްތޯ ސުވާލުކުރައްވާފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ އެއީ މައްސަލައާއި ގުޅުން ހުރި ސުވާލެއް ނޫން ކަމަށް ވިދާޅުވެ އެ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވެސް ވަނީ އެ ސުވާލު ނުކުރެވޭނެ ކަމަށް ނިންމަވާފަ އެވެ.

ރައީސް ޔާމީނާ އެއްކޮޅަށް މިއަދު ހެކި ބަސް ދިން އަބްދުﷲ ރަޝީދު ކިޔާ މީހަކު ބުނީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ރައީސް ޔާމީންގެ ގެކޮޅުން ނެރެ ކާރަކަށް އަރުވައިގެން ޔޫސުފް ނައީމަށް ގެންގޮސްދިން ކަމަށް ބުނެ ހެކި ބަސް ދީފަ އެވެ. އޭނާ ބުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ފައިސާ ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރީ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ އެކު ކަމަށެވެ. އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުުމުން އިތުބާރު ކުރެއްވުމަށްފަހު ފައިސާ ގުނީ ބޮނޑިބޮނޑިން ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ބުނާ ދުވަސްވަރަކީ ދިވެހި ފައިސާގެ ނޫޓް އާ ނޫޓަަކަށް ބަދަލުކުރި ދުވަސްވަރު ކަމަށްވީ ނަމަވެސް ފައިސާ ބޮނޑިތަކުގައި ހުރީ މިހާރުގެ ފައިސާ ކަމެއް ނުވަތަ ކުރީގެ ފައިސާ ކަމެއް ހަނދާނުގައި ނެތް ކަމަށްވެސް ބުންޏެވެ. އަދި ގުނީ ކިތައް ފައިސާ ބޮނޑި ކަން ހަނދާން ނެތް ކަމަށާއި އެކަމަކު ގުނި ފައިސާގެ ތެރޭގައި 15،420،000 ރުފިޔާ ހުރި ކަމަށްވެސް ބުންޏެވެ. ޔޫސުފް ނައީމު ފައިސާއާ ހަވާލުވުމަށްފަހު ސޮއިކުރި ލިޔުމުގައި ފައިސާ ލިބުނު ކަމަށް ބުނެ ލިޔެފައިވާ ލިޔުމެއްގައި ސޮއި ކުރި ކަން އެނގޭ ކަމަށްވެސް ބުންޏެވެ.

ޝަރީއަތުގެ ކުރީގެ އަޑުއެހުމެއްގައި ނަރީޝް ވެސް ވަނީ ރައީސް ޔާމީންގެ ގޭގައި ފައިސާ ގުނައިގެން ޔޫސުފް ނައީމަށް ގެންގޮސްދިން ކަމަށް ވިދާޅުވެފަ އެވެ.