މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދު

Sep 10, 2022

ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ތިން ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް އަމުރުކުރީ މިއަދު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

މާލޭގެ ނަން މަޝްހޫރު ގުރޫޕަކުން ފުލުހުންނަށް ހަމަލާދިނީ އިއްޔެ ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިން އެ މީހުންގެ ނުރަސްމީ ގަޑީގައި ހިނގާފައި ދަނިކޮށެވެ.

ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މިމައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންނަށް އަންގަވާފަ އެވެ.

ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވާފައިވެ އެވެ. ހަމަލާ ދިނުމުގައި ބައިވެރިވާ އެންމެން ހޯދާ އަދަބު ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމަށްޓަކައި ފުލުހުންގެ ރައްކާތެރިކަމަށް ވެސް އިތުރު އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މުޅި ނިޒާމު އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަނިޔާ ލިބުނު ފުލުހުންނަށް އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.