ފްރާންސް

އާމިއަންސް: ފްރާންސްގެ އެންމެ ހިތްގައިމު ބަގީޗާ

Sep 11, 2022

ފްރާންސަކީ ރީތި އަދި އާސާރީ ގިނަ އިމާރާތްތައް އެކުލެވިގެންވާ ގައުމެކެވެ. އެކި ސައިޒްގެ ކޯރުތަކާއި އޭގެ ޗެނަލްތަކާއި ފެން ކޯރުތަކާއި ފަރުބަދަތައްވެސް މި ފްރާންސްގައި މަދެއް ނޫނެވެ.

އުތުރު ފްރާންސްގެ އާމިއަންސްގެ އޯޓިއޮނާޖް ކިޔާ ހިސާބަކީ "ރިއު" ކިޔާ ސޯއްމު ކޯރުގެ ކުޅި ގަނޑެއް ނޫނީ ޗެނަލް ނިޒާމެއްގެ ތެރޭގައި ހެދިފައިވާ 300- ހެކްޓަރުގެ ކުދި ރަށްތަކެއް ގޮތަށް އޮންނަ ތަނެކެވެ. މި ތަނަށް ދެވެނީ ކުޑަ ބޯޓެއްގައި އެކަންޏެވެ.

މި ކުދި ރަށްތަކުގައި ބަގީޗާއެއް ގޮތަށް ވަރަށް ގިނަ ގަސްތަކާއި މާތައް ހެދިފައިވެ އެވެ.

މިއީ ފްރާންސްގައި އޮތް މި ޒާތުގެ ހަމައެކަނި ހިސާބެވެ. މި ރީތީ ހިސާބުގައި 1،000 މީހުން ދިރިއުޅެ އެވެ.

އޯޓިއޮނާޖްގެ ބޮޑު ބައި މަލުގެ ބަގީޗާތަކުން ޒީނަތްތެރިވެފައިވާއިރު ބައެއް ހިސާބުތަކުގައި ވިޔަފާރީގެ ބޭނުމަށް ތަރުކާރީއާއި މޭވާ ހައްދަމުންވެސް ދެއެވެ. މި ހިސާބުގައި "މާކެޓް ގާޑްނާސް" ނޫނީ "ބޯޓްމެން" އާމިއަން ސިޓީގެ ރަށްވެހިންނަށް ކޮންމެ ހޮނިހިރު ދުވަހަކު ތާޒާ ތަރުކާރީ އާއި މޭވާ އަދި ހޫނުކުރުމަށް ޕީޓް ފޯރިކޮށްދެ އެވެ. މި މީހުން މިކަންތައްތަކަށް ބޭނުންކުރަނީ "ހޯން ބޯޓްސް" ކިޔާ ބޯޓުތަކެކެވެ.

އޯޓިއޯނާޖް އަކީ ފަތުރުވެރިން ވަރަށް ގަޔާވާ ހިސާބެކެވެ. އެހެންކަމުން ފަތުރުވެރިން އަރާމުކޮށްލުމަށާއި ވަގުތު ހޭދަކުރުމަށް އެކި ތަންތަނާއި މިއުޒިއަމަކާއި ގެލެރީ އެއްވެސް މިސަރަހައްދުގައި ހަދާފައިވެ އެވެ. އަދި "އިންޓަނޭޝަނަލް ގާޑަން ފެސްޓިވަލް" އަކީ ވެސް ލޭންޑްސްކޭޕް އާޓިސްޓުންނަށް އެ ހިސާބުގަނޑުގެ ގަސްތައް މެދުވެރިކޮށް މަސައްކަތް ދައްކާލަން ލިބޭ ފުރުސަތެކެވެ. މީގެ އިތުރުން ކުރެހުންތެރިންނަށްވެސް އެމީހުންގެ ކުރެހުންތައް ދައްކާލެވެ އެވެ.

ފްރާންސަށް ދަތުރުކުރާ ފަރާތްތަކުން އާދަޔާ ހިލާފު ތަޖުރިބާއެއް ކޮށްލުމަށް އާމިއަންގެ އޯޓިއޯނާޖް އަށް ޒިޔާރަތްކޮށްލުން ރަނގަޅެވެ.