ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފު އީރާނާއި ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރުފުޅަށް 1.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ޖުލައި 24 އިން 29 ވަނަ ދުވަހަށް ނައިބުރައީސް ފްރާންސްގެ ޕެރިހަށް ކުރެއްވި ދަތުރަށް 1.3 މިލިއަން ރުފިޔާ ހަރަދުވި އެވެ.
މިއީ އޮލިމްޕިކްސް ކުޅިވަރު މުބަރާތް ހުޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ނައިބުރައީސް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުގައި ނައިބުރައީސް ވަނީ ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވާ ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވާފަ އެވެ. އަދި ދިވެހި އެތުލީޓުންގެ ވާދަކުރި ބައެއް މެޗްތައް ބައްލަވާލައްވާފަ އެވެ.
މީގެ އިތުރުން އީރާނުގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބުރައީސް ކުރެއްވި ދަތުރުފުޅަށް 464،617.43 ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ގައުމުގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނައިބުރައީސް އީރާނަށް ވަޑައިގެންނެވީ ޖުލައި 29 އިން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުގައި ނައިބުރައީސް ވަނީ އިރާނާއި ރާއްޖެ ގުޅިގެން ކުރެވިދަނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ މައްސަލައަށް ބައިނަލްއަގުވާމީ މުޖުތަމައުން ހައްލެއް ހޯދެންދެން ވަކާލާތުކުރުމަށް ބާރުއަޅައި ހަމަލާތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވި އެވެ.