ލައިފްސްޓައިލް

އެފްރިކާ މީހެއްގެ 15 އަނބިންނާއި 107 ދަރިން!

ދުނިޔޭގެ އެންމެ ބޮޑު އާއިލާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އިންޓަނެޓުގައި މިހާރު ދައުރުވަމުންދާ ވީޑީއޯއެއްގައި ބުނާ ގޮތުން ނަމަ އެއީ އެފްރިކާ މީހެއް ކަމަށްވާ ޑޭވިޑް ސުކާޔޯ ކަލުހާނާގެ އާއިލާ އެވެ. ޑޭވިޑްގެ 15 އަނބިންނާއި 107 ދަރިން އެބަ ތިބިކަމަށް ވެއެވެ.

އުމުރުން 61 އަހަރުގެ ޑޭވިޑް ދިރިއުޅެނީ ކެންޔާގެ ހުޅަނގުން އޮންނަ އަވަށެއްގަ އެވެ. މިހާ ގިނަ އަނބިން ތިއްބަސް މީގެން އެކަކު ވެސް އަނެކަކާ އެއްވެސް ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ނުބާއްވާ ކަމަށާއި އެންމެން ވަރަށް ގުޅިގެން އެކުވެރިކަމާއެކު އުޅެމުންދާ ކަމަށްވެސް މި ވިޑީއޯގައި ބުނެފައި ވެއެވެ.

މި ވީޑީއޯ އަކީ އެފްރިމެކްސް އިން ދެއްކި ކުރު ޑޮކިއުމެންޓްރީ އެކެވެ. މި ޑޮކިއުމެންޓްރީގައި ވާހަކަ ދައްކަމުން ޑޭވިޑް ބުނި ގޮތުގައި އޭނާގެ އައިކިއު ލެވެލް ވަރަށް މައްޗެވެ. އެހެންވެ އެންމެ އަންބަކަށް އޭނާގެ ކަންކަން ފުރިހަމަކޮށެއް ނުދެވެ އެވެ.

ޑޭވިޑް ބުނާ ގޮތުން އޭނާއަކީ ތާރީޚު ދިރާސާކުރާ މީހެކެވެ. އަދި ތާރީޚީ 4000 އަށް ވުރެ ގިނަ ފޮތް މިހާތަނަށް އޭނާ ކިޔާފައިވާ ކަމަށްވެސް ޑޭވިޑް ބުންޏެވެ.

ޑޭވިޑް ބުނި ގޮތުގައި އޭނާގެ ގޭގެ ހުރިހާ ޑިއުޓީއެއް 15 އަނބިން ބަހާލައިގެން ކުރާ ކަމަށާއި އެމީހުން ދިރިއުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އަދި ހުރިހާ އަނބިން ވެސް އޭނާ ގެންގުޅެނީ ރަސްކަލެއްގެ ދަރަޖައިގައި ކަމަށްވެސް ޑޭވިޑް ބުންޏެވެ.

ޑޭވިޑްގެ ފުރަތަމަ އަނބިމީހާ ޖެސިކާ ކަލުހާނާ އާއި އޭނާ ކައިވެނިކުރީ 1988 ގައެވެ. ޖެސިކާ އާއި ޑޭވިޑް އަށް 13 ދަރިން ލިބިފައި ވެއެވެ.

ޑޭވިޑްގެ ހަތްވަނަ އަނބި ރޯޒާ ކަލުހާނާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އިތުރު އަނބިން ގެނަޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ޑޭވިޑް އަކީ ޒިންމާދާރު މީހަކަށް ވެފައި އޭނާ ކުރާ ހުރިހާ ކަމެއް ވެސް ކުރަނީ އޭނާއަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަމަށް ވާތީ އެވެ. އަދިވެސް އިތުރު މީހުންނާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ވެސް ޑޭވިޑް ބުންޏެވެ.

"އަހަރެންގެ ވިސްނުން ހުރީ ކިންގް ސޮލޮމަން ގޮތަށް 1000 އަނބިން ހޯދަން،" ޑޭވިޑް ބުންޏެވެ.