މޯލްޑިވްސް ނޭޝަނަލް ޕާޓީ

ކޮންގްރެސްއަށް ފަހު ކުރިއަށް ދާން ފަސޭހަ ވާނެ: އެމްއެންޕީ

Sep 11, 2022

މޯލްޑިވްސް ނެޝަނަލް ކޮންގްރެސް (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް އަށް ފަހު ޕާޓީއަށް އިތުރު ފަހި ގޮތްތަކެއް ހަމަޖެހި ކުރިއަށް ދަތުރުުކުރަންވީ ގޮތްތައް އިތުރަށް ސާފުވެގެންދާނެ ކަމުގައި އެމްއެންޕީން ބުނެފި އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް އަންނަ ހުކުރު ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި ފެށުމަށް ވަނީ ނިންމާފަ އެވެ.

ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޮންގްރެސްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެމްއެންޕީގެ 300އާ ގާތްކުރާ އަދަދަކަށް މަންދޫބުން ބައިވެރިވާނެ އެވެ.

ކޮންގްރެސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް އަވަސްއަށް ވިދާޅުވީ ކޮންގްރެސްއަށް ވާންޖެހޭ އިދާރީ ތައްޔާރީތަކުގެ ބޮޑު ބައި ނިމި ކޮންގްރެސްގައި ބައިވެރިވާނެ ބޭފުޅުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ އަސާސީ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި އެމްއެންޕީން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސިޔާސަތުތަަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ޝިދާތާ ވިދާޅުވި އެވެ. ނަމަވެސް އެމްއެންޕީގެ އޮނިގަނޑުގައި މިހާރު ހިމެނޭ އިސް މަގާމުތަކަށް ބަދަލެއް ނާންނާނެ ކަމުގައި ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޕާޓީގެ މެންބަރުންގެ ވޯޓުން މިހާރުވެސް އިންތިހާބުވެފައި ތިއްބެވި ބޭފުޅުން. ކޮންގްރެސްގައި އިތުރު ކޮމިޓީތަކަށް ބައެއް ބޭފުުޅުން ހޮވާނެ. އަދި އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ހުުޅުވާލި ފުރުސަތުގައި ލިބިފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން. އަޅުގަނޑުމެން މި ބަލަނީ ކޮންގްރެސްގައި ބައިވެރިވާ އަތޮޅު ތެރޭގެ ބޭފުޅުން އެ ބޭފުޅުންގެ ރަށުގައި ޕާޓީ ވަރުގަދަކުރުމަށްޓަކައި މުހިއްމު ހިޔާލުތަކެއް ހިއްސާކުރައްވާނެ ކަމަށް،" ޝިދާތާ ވިދާޅުވި އެވެ.

އެމްއެންޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ކުރިން އިއުލާންކޮށްފަ އެވެ. އަދި ޕާޓީން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީގައި 12،000 މެންބަރުން މިވަގުތު ތިބި ކަމަށް އެމްއެންޕީން ބުނެ އެވެ.