މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ލޭންޑް ޔޫޒް ޕްލޭންގެ މައްސަލަ ބޮޑުވެ ގާނޫނު އިސްލާހުކުރަނީ

Sep 11, 2022

ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަންޖެހޭނަމަ އެކަން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ސެޝަނެއްގައި ރިޔާސަތު ބަލަހައްޓަވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަންގެ މައުލޫއަކީ ލޭންޑް ޔޫޒް ޕްލޭން ނުވަތަ ބިނާވެށީގެ ޕްލޭން އެކުލަވާލުމެވެ.

މިސެޝަންގައި ރައީސްގެ އަރިހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގައި ހުރަސްތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރައްވާތީ ގާނޫނަށް އިސްލާހް ގެނެސްގެން ނަމަވެސް އެކަމަށް ލުއި ފަސޭހަ މަގެއް ހޯދަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިސެޝަންގައި ވަނީ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ދިމާވެފައިވާ ދަތިތަކަށް ޕްލޭނިން މިނިސްޓްރީން ހުށަހަޅާފައިވާ ހައްލުތަކާ ގުޅޭ ވީޑިއޯއެއްވެސް ދައްކާފަ އެވެ. މީގެ އިތުރުން މިނިސްޓަރު އަސްލަމް ވަނީ ބިނާވެށީގެ ޕްލޭންތައް ހެދުމުގައި ކައުންސިލްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް ހިއްސާކުރައްވާފަ އެވެ.

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުވާފައިވަނީ 60 އަކަށް ރަށުންނެވެ.

އެކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން، މިނިސްޓްރީއަށް ލިބިފައިވަނީ 11 ރަށެއްގެ ބިނާވެށީގެ ޕްލޭން ކަމަށެވެ. އަދި މީގެތެރެއިން ހަތް ރަށެއްގެ ބިނާވެށީގެ ޕްލޭންގައި މައްސަލަތައް ފާހަގަކުރެވިފައިވާތީ ފާސްނުވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިސެޝަންގައި ވަނީ ވިއަވަތި ކޮންފަރެންސްގެ ކުރިން ކުރިއަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. އަދި ފަނޯއްލަ ދަރުބާރުގައި ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް މިއަދުގެ ސެޝަންގައި ފުރުސަތު ދެއްވާފައިވެ އެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިނާވެށީގެ ޕްލޭންތައް ހެދޭނެ ފަދަ ފަންނީ މުވައްޒަފުން ކައުންސިލްތަކުގައި ނެތުމާއިއެކު، އެކަމަށް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުން ހިމެނެ އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ފެށުމުގެ ކުރިން އަމާން މުޖުތަމައެއް ގާއިމުކުރުމާ ގުޅޭގޮތުން މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މި ސެޝަން ނިންމުމަށްފަހު ދެމެހެއްޓެނިވި ސަލާމަތީ ވެށްޓަކަށް ދިފާއީ ވިސްނުން މި މައުލޫއަށް ބިނާކޮށް ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.