ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމުގެ ގޮތުން އިންޗިއަކަށްވެސް އެ ނިޒާމު ހިންގުން ފަހަތަށް ޖައްސާލުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަތޮޅުތަކަށް ފުޅާކޮށްފައިވާ ލާމަރުކަޒީ ނިޒާމު، މި ދައުރު ނިންމުމަށްފަހު އިންޗިއަކަށްވެސް ފަހަތަށް ޖައްސާލަން އެއްވެސް މީހަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީ ވާނީ ދިރިއުޅޭ ހުރިހާ ޖަޒީރާތައް އެއްވަރަކަށް ތަރައްގީވުމުން ކަމަށެވެ.
ގައުމު ތަރައްގީވި ކަމަށްވާނީ އެ ގައުމުގެ ހުރިހާ ރައްޔިތުން ތަރައްގީވުމުން ކަމަށާއި ގައުމަށް އުފާވެރިކަން ލިބިގެންދާނީ ގައުމުގެ އެންމެ ނިކަމެތި ފަގީރު މީހާވެސް އުފާވުމުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
"ރައްޔިތުންނާމެދު އޮންނަން ޖެހޭ އޯގާވެރިކަން، ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން މިއަދުގެ މިވެރިކަމުން އެސިފަތައް އެންމެ ރީތި ގޮތުގައި ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން އެއްވެ މިތިބީ" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހުރިހާ ޖަޒީރާ ރަށްތައް ތަރައްގީކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވިގެން ކަމަށާއި މި ނިޒާމު އިތުރަށް ފުރިހަމަ ކުރެވޭނީ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ފުޅާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ފުރިހަމައަށް ބައިވެރިވާނެ ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ.