ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑަބްލިއުޑީސީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް ލަފާ ދެއްވައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް އޮތްތޯ ބެއްލެވުމަށްފަހު އެކަން ހައްލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑަބްލިއުޑީސީގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ ބެހޭ ގޮތުން ކޮންފަރެންސްގައި ވާހަކަދެކެވުނު ކަމަށެވެ. ބަޖެޓްގެ ދަތިކަމާއި މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ނެތުމާއި ޕާޓްޓައިމް ތަނެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހުންފަަދަ ކަންކަން ޑަބްލިއުޑީސީ އިން ފާހަގަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަމަޟާން މަހުގެ އިނާޔަތް ނުލިބުމާއި މެޓާނިޓީ ލީވް ހަމަޖެހުމަކީވެސް އެބޭފުޅުން ފާހަގަކުރައްވާ ކަމެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޑަބްލިއުޑީސީ އުވާލުމަށްފަހު ކައުންސިލާ އެއްކޮށްލަންޖެހޭ ހިސާބަށް ދިޔަކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު މި އޮތް ގޮތަށް ގެންދެވޭތޯ މަސައްކަތްކުރަން" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑަބްލިއުޑީސީއަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމުން ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއާއެކު ޑަބްލިއުޑީސީއަކީ ފުލްޓައިމްކޮށް އިންތިހާބުކުރެވޭ ބަޔަކު ތިބި ތަނަކަށް ހެދުމުންވެސް ހައްލުތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނޫނީ އެބޭފުޅުން އެ ވިދާޅުވި ފަދައިން، ސިވިލް ސާވިސްގައި މަސައްކަތް ކުރަމުން ވަޑައިގެން އޭގައި ސޮއިކޮށްލާފައި އެ ނަންގަވާ އިނާޔަތް ލިބުމުން ދެން ތިބި މެންބަރުންނާދޭތެރޭ ކުޑަ ތަފާތެއް އަންނަކަން މި ފާހަގަކުރެވެނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މުހިންމު ވާހަކަތަކެއް ދެކެވިއްޖެ ކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަ ކަމާބެހޭ ގޮތުންނާއި ބިނާވެށީ ޕްލޭންގެ އިތުރުން ތިމާވެށީގެ ކަންބޮޑުވުންތަކާއި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންފަރެންސްގައި މުހިންމު މަޝްވަރާތަކެއް ކުކެވިގެންދިޔަކަން ފާހަގަކުރެއްވިއެވެ.