ހޮޓެލް އޭޝިއާ

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Sep 11, 2022

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ހޮޓެލް އޭޝިއާ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ހިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ އިވެންޓެކެވެ.

މި އިވެންޓުގެ ޒަރިއްޔާއިން އެފަރާތްތަކަށް ސަރަހައްދީ ކަލިނަރީ ބޭފުޅުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.

މީގެ އިތުރުން ހޮޓެލް އޭޝިއާ އަކީ 150 އަށް ވުރެ ގިނަ ކުންފުންޏާއި 500 އަށް ވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަނެވެ.

މި އަހަރުގެ އިވެންޓަކީ ރާއްޖޭގައި ބޭއްވޭ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަންއެވެ.

މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 10 އިން 12 އަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.