ރައްޔިތުންގެ މަޖިލިސް

ރާނީގެ ހިދުމަތްތަކަށް މެންބަރުންގެ ތައުރީފް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ރަނިކަމުގައި ދިވެހިރާއްޖެއަށާއި ދިވެހީންނަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ރައްޔިތުންގެ މަޖިލީހުގެ ލީޑަރުން ފާހަގަކުރައްވާ އެކަމަށް ތައުރީފް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރާނީ އަވަހާރަވުމާ ގުޅިގެން ސުކޫތެއް ގެނެސްފަ އެވެ. އެއަށްފަހު ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވަނީ ދެއްވާފަ އެވެ.

މިފުރުސަތުގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ރަނިކަމުގައި ދިވެހިރާއްޖެ އިސްތިއުމާރުގެ ކަސްތޮޅުން މިނިވަންވެގެން ދިޔަ ކަމަށެވެ.

ރާއްޖެއަށް ގިނަ އެހީތަކެއް އިނގިރޭސީންގެ ފަރާތުން ލިބިގެންދިޔަކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ދަތިކޮށް އޮއްވާ އިނގިރޭސީންގެ އެހީގައި ގަވަރްމަންޓް ހޮސްޕިޓަލް ގާއިމުވެގެންދިޔަ ކަމަށެވެ. ގޯލްޑަންރޭގައި އެމްބިއުލާންސްގެ ހިދުމަތް ފެށިގެންދިޔައީ އިނގިރޭސީންގެ އެހީގައި ކަމުގައިވެސް ވިދާޅުވި އެވެ.

އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތުމުގެ ސަބަބުން ދެ ދައުލަތަށްވެސް ފައިދާތަކެއް ލިބިގެންދިޔަކަންވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އެގޮތުން ދެ ބޮޑު ހަނގުރާމައިގައިވެސް އެހެން ގައުމެއްގެ ދަށަށް ދިވެހިރާއްޖެ ނުގޮސް، އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތްކަން ފާހަގަކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ އިނގިރޭސީންގެ ނުފޫޒާއެކު ރާއްޖެއަށް ގާނޫނުއަސާސީއެއް ލިބިގެންދިޔަ ކަމަށާއި ނަތީޖާއަކީ ރާއްޖެ ހިންގުމަށް ބޮޑު ބަދަލެއް އެ ގާނޫނު އަސާސީގެ ސަބަބުން ލިބިގެންދިއުން ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ރާއްޖޭގެ ދެކުނުގެ ތިން އަތޮޅުގައި ހިނގައިދިޔަ ވަކިވެގަތުމުގެ ހަރަކާތް ނިމުމަކަށް ގެނައުމަށް އިނގިރޭސީންގެ އެހީ ލިބުނު ކަމަށް އަސްލަމް ވިދާޅުވި އެވެ.

ތައުޒިޔާގެ ބަސްފުޅު ވިދާޅުވުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ރާނީ ރާއްޖެއަށް ގިނަގުނަ ހިދުަމަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގަވަަރްމަންޓް ހޮސްޕިޓަލް ގާއިމުކުރުމަށާއި މަތީ ތައުލީމުގެ ސްކޮލަޝިޕްތައް އިނގިރޭސި ދައުލަތުގެ ފަރާތުން ދިވެހިންނަށް ލިބިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަފުޅުގައި ވަނީ މީގެ 50 އަހަރު ކުރިން ރާނީ މާލެ ވަޑައިގެންނެވިކަން ފާހަގަކުރައްވާފަ އެވެ. ރާނީގެ ފުރަމާނަ ދަތުރުފުޅަށް، ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން މާލެ އައިކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި އެކަމަނާ އަކީ ދިވެހިންނަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވި ބޭފުޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަނާގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެލިޒަބަތު ދޭއް އަކީ އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ރާނީ އެވެ. އެ ކަމަނާ ވަނީ ރަނިކަމަށް 70 އަހަރު ފުރުން ވެސް ފާހަގަކުރައްވާފަ އެވެ.

އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ އޭޕްރީލް 21، 1926 ވަނަ އަހަރު އެވެ.