ހުޅުމާލެ

ހިޔާ ފްލެޓުން އެއްޗެތި އުކީ ނަފްސާނީ ބަލި މީހެއް

Sep 12, 2022
3

ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން އިއްޔެ މަގުމައްޗަށް އެއްޗެތިތަކެއް އުކާލީ ނަފްސާނީ ބަލިމީހެއް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފި އެވެ.

މަގުމައްޗަށް އެއްޗެތި އުކީ ހިޔާގެ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އުޅުނު މީހެކެވެ.

މި މީހާ އުކާލި އެއްޗެތިން ޖެހި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންވެފައިވެ އެވެ. އެގޮތުން ކާރަކާއި ޕިކަޕެއްގެ ވިންޑްސްކްރީން ވަނީ ފުނޑުފުނޑުވެފަ އެވެ.

މަގުމައްޗަށް އުކާލާފައިވަނީ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުގެ ތެރޭގައި ހިމެނޭ ޑަބިއަލާއި، ތަވާ، ފިހިގަނޑު ފާޑު އެއްޗިއްސެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން މިހާދިސާ ހިނގި ގޮތް ބެލި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.