ދުނިޔެ

އިސްތަންބޫލްގައި ވަރުގަދަ ބޮމެއް ގޮއްވާލައި، އެތައް ބަޔަކު މަރާލައިފި

ތުރުކީގެ އެންމެ ބޮޑު އެއް ސަހަރު ކަމަށްވާ، އިސްތަންބޫލްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފިއެވެ. މި ހަމަލާގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްޗެއް ގޮއްވާލީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް، ސުލްތާން އަހުމަދު ބްލޫ މިސްކިތް ހުންނަ ސަރަހައްދުގަ އެވެ. ގޮއްވާލި ވަގުތު ވެސް ގިނަ ޓޫރިސްޓުން ތިއްބެވެ. އިސްތަންބޫލްގެ ގަވަރުނަރުގެ އޮފީހުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ، އެ ހަމަލާގައި 10 މީހުން މަރުވެ 15 މީހަކު ޒަހަމްވި ކަމަށެވެ.

ގޮއްވާލީ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް މަންޒަރު ދުށް ބައެއް މީހުން ބުނަނީ ބޮން ގޮއްވާލީ، ގައިގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު ޓޫރިސްޓުންގެ ތެރެއަށް ވަދެ، ޖާނުން ފިދާވެގެން ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިއްހީ ފަރުވާ ފޯރުކޮށްދޭ މީހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ސަރަހައްދު ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. ފުލުހުންގެ ޓީމްތައް ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ތުރުކީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ތުރުކީގައި ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރުވެފައިވެއެވެ.