އިޓަލީ

އަމަލްފީ ކޯސްޓްގެ އާދަޔާހިލާފު ލިނބޯ ދަނޑުވެރިން

އިޓަލީ އަކީ ރީތިކަމާއި އާސާރީ އާކިޓެކްޗަރާއި މީރު ކެއުމާއި ފެޝަނަށް މަޝްހޫރު ގައުމެކެވެ.

އިޓަލީގެ ކާބޯ ތަކެތީގެ އުފެއްދުންތަކުގެ ތެރޭގައި އެކި ވައްތަރުގެ ޕާސްތާ، ޕިއްޒާ، ޗީޒް، ޖެލާޓޯ އައިސްކްރީމް، ޒައިތޫނި އަދި އޭގެ ތެޔޮ، ތަރުކާރީ އާއި މޭވާ ހިމެނެ އެވެ.

މިގޮތުން ދެކުނު އިޓަލީގެ ފެހި ރަށެއް ކަމުގައިވާ އަމަލްފީ ކޯސްޓްގައި ލިނބާ ހައްދާ އުމުރުން ދުވަސްވީ ދަނޑުވެރިން، އެ ލިނބޯތައް ބިންނަނީ ހަލުވިކަމާއެކު ހަރުގަނޑެއްގައި ގްރެވިޓީއާ ހިލާފަށް ބެލެންސްކުރަމުން، ނޫނީ ގޮފިތަކުން ފުންމަމުންނެވެ. މިއީ އާދަޔާ ހިލާފު މަންޒަރެކެވެ.

އަމަލްފީ ކޯސްޓްގައި ހައްދައި ލިނބޯ އަކީ އާންމު ލިނބޯއާ ތަފާތުކޮށް، އެ ހިސާބަށް ހާއްސަ ބޮޑު ލިނބޯ އެކެވެ. މަނޑު ރީނދޫ ކުލައިގެ ރޫ ޖެހި ބޯ ތޮށިގަނޑެއް ލާފައިވީ ނަމަވެސް ވަސް މީރު އަދި ޖޫސް ގިނަ މި ލިނބޯ އާންމު ލިނބޯގެ ސައިޒުން ދިގު އަދި ބޮޑުވެގެން ގޮސް 3 ކިލޯއާ ހަމައަށްވެސް ބޮޑުވެ އެވެ. މި ލިނބޯގައި އޮށް މަދުވެ، ތޮށީގައި ހިތި ރަހައިގެ ބަދަލުގައި މީރު ރަހައެއްލާ، އާފަލުހެން ކާލެވެއެވެ. މި ލިނބޯ ހެދެނީ ފެބްރުއަރީ އިން އޮކްޓޫބަރު މަހާ ދެމެދުގަ އެވެ.

ލިނބޯ ދަނޑަކުން 87 އަހަރުގެ ލުއީޖީ "ޖިޖީނޯ" އަޗޭޓޯ ލިނބޯ ބިންނަމުން ދާއިރު، ލިނބޯގެ ސިޓްރަސް ވަހުގެ ސޭޖް އަދި ހުވަނދު މަލުގެ ވަސްވެސް މުޅި ޖައްވުން ދުވަ އެވެ. ޖުޖީނޯއަށް "ފުއްމާ ލިނބޯ ފާމަ" ވެސް ކިޔަ އެވެ.

އޭނާގެ އާއިލާއިން ލިނބޯ އިންދަން ފަށާފައިވަނީ 17 ވަނަ ގަރުނުގަ އެވެ. ޖިޖީނޯ ނިދާ، ކައިބޮއި ހަދަނީ އޭނާގެ "ލެމަން ގްރޯވް" ނޫނީ ލިނބޯ ދަނޑުގައެވެ.

"އަހަރެންގެ ގައިގައި ދައުރުވަނީ ލެއެއް ނޫން، ލިނބޯގެ ޖޫސް،" ހިނިތުން ވަމުން ޖިޖީނޯ ބުންޏެވެ.

މެޑިޓަރޭނިއަން ކަނޑާވި އަމަލްފީ ކޯސްޓްގައި ލިނބޯގެ ދަނޑުވެރިކަމަކީ އެތަށް ގަރުނަކުން ސުރެއް ބަދަލުވުމެއް ނެތް ސަގާފަތަކާއި އެ ރަށުގެ ލޭ ނާރެވެ. ނަމަވެސް ވޭތުވެ ދިޔަ 60 އަށް އަހަރުގެ ތެރޭގައި ތަރައްގީގެ ނަމުގައި އިންޑަސްޓްރިއަލައިޒޭޝަނާއި، މޫސިމީ ބަދަލުތަކާއި މުޖްތަމައުއާ ގުޅިގެން މިކަން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑެވެ.

މިކަމާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަން ޕްރޮގްރާމްގެ "ގްލޯބަލީ އިމްޕޯޓަންޓް އެގްރިކަލްޗަރަލް ހެރިޓޭޖް ސިސްޓަމް"ގެ ޖޯޖިއާ ޑީ ޕަސްކަލް ފަދަ ރިސާޗަރުން ދަނީ މިކަން ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދިރާސާ ކުރަމުންނެވެ.