އިންޑިއާގެ ބެންގަލޫރޫ އަކީ ބައެއް ގަޑިގަޑީގައި ޓްރެފިކް ގިނަކަމުން އެއްގޮތަކަށް ވެސް ދުއްވާ އެއްޗެއްސަށް ދަތުރު ނުކުރެވި ތާށިވެފައި ތިބެން ޖެހޭ ރަށެކެވެ.
ވަރަށް ކުރު ރާސްތާއެއް ކަޑައްތު ކުރަން ވެސް ބައެއް މީހުން ވެހިކަލްތަކުގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެ އެވެ. އަދި މި މައްސަލަ އިތުރަށް ގޯސްވީ މިފަހުން އެ ރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ފެންގަނޑު ނުހިނދި ހުރުމުންނެވެ.
މިގޮތަށް ޓްރެފިކްގައި ތާށިވެ ހަދާނެ ގޮތް ހުސްވި އެކަކީ ވަރަށް އިމަޖެންސީކޮށް ކުރަން ޖެހޭ އޮޕަރޭޝަން ކުރަން ހޮސްޕިޓަލަކަށް ދާން ކާރުގައި ދަތުރުކުރި ގެސްޓްރޮއެންޓްރޮލޮޖީ ސާޖަން ޑރ. ގޯވިންދު ނަންދާ ކުމާރެވެ.
ބެންގަލޫރުގެ މެނިޕާލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ މި ޑޮކްޓަރު ފާއިތުވީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހޮސްޕިޓަލަށް ދާން ކާރަށް އެރީ އިމަޖެންސީ ލެޕްރޮސްކޯޕިކް ގޯލްބްލެޑާ ސާޖަރީއެއް ހަދަން ޖެހިގެންނެވެ.
ސާޖަރީ ހަދަން ކަނޑައެޅިފައިވާ ވަގުތުގެ މާކުރިން ޑޮކްޓަރު ކާރުގައި ދަތުރު ފެށި ނަމަވެސް ޓްރެފިކް ޖޭމް ވެގެން އޭނާއަށް އެއްގޮތަކަށް ވެސް ކުރިއަށް ދެވޭ ގޮތް ނުވެފައި އެތައް އިރަކު މަޑުކުރަން ޖެހުނެވެ. އަދި ޖޭމް ފިލާނީ ކޮން އިރަކުން ކަން ނޭނގި ހާސްވި އެވެ. އެހެންވެ ވަގުތުން ކާރު ދޫކޮށްލާފައި ޑޮކްޓަރު ވަނީ ދިގު ރާސްތާއެއް ދުވެފައި ކަޑައްތުކޮށް ހޮސްޕިޓަލަށް ގޮއްސަ އެވެ.
މަނިޕާލް ހޮސްޕިޓަލަށް ޑޮކްޓަރު ދުވެފައި ދިޔައީ ގާތްގަނޑަކަށް ތިން މޭލުގެ ރާސްތާއެއް ކަޑައްތުކޮށް 45 ވަރަކަށް މިނިޓް ތެރޭގަ އެވެ.
"އަހަރެން ބޭނުން ނުވީ ޓްރެފިކަށް ލުއި ލިބޭތޯ އިތުރު ވަގުތު މަޑުކުރަން. ސަބަބަކީ އަހަރެން ސާޖަރީ ހަދައިދޭން ޖެހޭ ބަލިމީހާ އެއްވެސް އެއްޗެއް ނުކައި ނުބޮއި އެތައް ގަޑިއިރެއް ހޭދަކޮށްފައިވާތީ އަހަރެން ލަސްވާ ވަރަކަށް އޭނާގެ ބަނޑުހައިކަން އިތުރުވާނެތީ. އެގޮތަށް އެމީހާ ލައްވާ ދިގު އިންތިޒާރެއް ކުރުވަން ބޭނުން ނުވާތީ ކާރުން ފައިބައިގެން ދުވެފައި ހޮސްޕިޓަލަށް ދިޔައީ،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ޑޮކްޓަރު ބުންޏެވެ.
ޑޮކްޓަރު ބުނި ގޮތުގައި އޭނާ ޑްރައިވަރަކު ގެންގުޅެ އެވެ. އަދި އެ ދުވަހު ވެސް ކާރު ދުއްވީ ޑްރައިވަރެވެ. އެހެންވެ ކާރުން ފައިބައިގެން ދުވެފައި ދާން އޭނާއަށް މާއުނދަގޫ ކަމަކަށް ނުވީ އެވެ. އަދި އޭނާއަކީ ގަވާއިދުން ޖިމް އަށް ގޮސް ކަސްރަތުކުރާ މީހަކަށް ވާތީ ތިން މޭލު ދުވުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫން ކަމަށާއި ސާޖަރީ ހަދަން ކަނޑައެޅިފައިވާ ގަޑިއަށް ހޮސްޕިޓަލަށް ގޮސް ސާޖަރީ ފުރިހަމަ ކުރެވުނު ކަމަށްވެސް ޑޮކްޓަރު ބުންޏެވެ.
ހޮސްޕިޓަލަށް ދެވުމާއެކު ޑޮކްޓަރު ވަގުތުން ހެދުން ބަދަލުކޮށްގެން ގޮސް ވަރަށް ކާމިޔާބު ކަމާއެކު ވަނީ ސާޖަރީ ހަދާފަ އެވެ.
މި ޚަބަރަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ ޑޮކްޓަރުގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ބަލި މީހަަކާ ދޭތެރޭ ވިސްނަވައި ޑޮކްޓަރު މި ކަން ކުރި ގޮތަށް ވެސް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ.