ރާއްޖެ ކުޅިވަރު

ލަޔަންސްއާ ކުރިމަތިލާން މާޒިޔާ ތައްޔާރު

ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރުގެ ސިންގަޕޫރުގެ ލަޔަންސް ޓުވެލްއާ ދެކޮޅަށް ނުކުންނަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ތައްޔާރަށް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.

މެޗުގެ ކުރިން މިއަދު މެންދުރު ފަހު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާއިރު މާޒިޔާ އޮތް ހާލަތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މުބާރާތަކީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އަންނަ މަހު ކުޅުމުގެ ކުރިން، ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ބިދޭސީ (ހަތަރު) ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ފޯމެއްގައި. މިދިޔަ އަހަރަށްވުރެ މާޒިޔާ ސްކޮޑް ވަރުގަދަ ކަމަށް ގަބޫލްކުރެވޭ. ތައްޔާރުވާން ލިބުނު ވަގުތާ ބަލާއިރު، ވަރަށް ރަނގަޅަށް ޓީމު އޮތީ،" މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާ އަށް ކާމިޔާބުކޮށްދިން ސުޒޭން ބުންޏެވެ. "މިއީ ކުޅުންތެރިން ޓެސްޓްކޮށްލާ، ޓީމުގައި ރަނގަޅުކުރަން ހުރި ކަންތައްތައް ބަލާލުމަށް ލިބޭ ފުރުސަތެއް. އެކަމަކު މިއީ މާޒިޔާ އިން ވާނުވާ ބަލާލަން ކުޅޭ މުބާރާތެއް ނޫން. މާޒިޔާ މި މުބާރާތަށް އެއަށްވުރެ މާ ސީރިއަސް."

ސުޒޭން ބުނީ މާޒިޔާގެ އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.

"މީޑިއާގައި ފޭވަރިޓަކީ އަދި ގުރުލިއިރު ވެސް ފޭވަރިޓަކީ ނިއު ރޭޑިއަންޓާއި ޕީޑީއާރްއެމް. އެ ދުވަހު (ގުރު ނެގި ރަސްމިއްޔާތުގައި) އަޅުގަނޑު ހަތަރު ވަނަ ގޮނޑިބަރިން ލައްވާލީމަ މާޒިޔާ އަކީ ހަތަރު ވަނަ ފޭވަރިޓް ކަމަށް އަޅުގަނޑު މި ބަލަނީ. އެހެންވީމަ އޭތި ނެގޭނެ ގޮތެއް އަޅުގަނޑު މި ރާވަނީ. ހަތަރު ޓީމު ކުޅޭއިރު، ރާއްޖޭގެ އެއް ޓީމު މާޒިޔާ. މާޒިޔާގެ ކޯޗަށް ހަތަރު ވަނަ ބަރިން ފުރުސަތު ލިބުމުން އެ އޮތީ މުބާރާތުގެ ތަރުތީބު އެނގެން. އެ ތަރުތީބު ބަދަލުކޮށްލުން އަޅުގަނޑުގެ އަމާޒަކީ،" ސުޒޭން ބުންޏެވެ.

ލަޔަންސްގެ މެނޭޖަރު ފަރުހާން ހުސެއިން ބުނީ ރާއްޖޭގެ ޓީމެއް ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އެ ޓީމު ވެސް އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"އޭއެފްސީ ކަޕްގައި ކުޅުނު ސިންގަޕޫރުގެ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނާއި ވާހަކަދައްކައިފި ނަމަ، ޔަގީނުން ވެސް ބުނާނެ މާޒިޔާ އާއި ނިއު އަކީ ބަލިކުރަން ފަސޭހަ ޓީމެއް ނޫން ކަމަށް. އަހަރެން އުފާކުރަން މި މުބާރާތުން ޖާގަ ލިބުނީމަ. މިއީ ފޯރިގަދަ މުބާރާތަކަށް ވާނެ ކަމަށް ގަބޫލްކުރަން،" ހުސެއިން ބުންޏެވެ.

ހުސެއިން ބުނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، އެ ޓީމު އަމާޒަކީ ރަނގަޅު ވާދައެއްކޮށް، މި މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.