ލައިފްސްޓައިލް

ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހި މަރުވަނީ ވެކްސިންގެ ސަބަބުންތަ؟

ޒުވާނުންގެ ކުއްލި މަރުތައް މިހާރު ރާއްޖެ އާއި ދުނިޔެގެ ވަރަށް ގިނަ ގައުމުތަކުގައި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އަވަށްޓެރި އިންޑިއާގައި ވެސް ފާއިތުވީ މަސްތަކުގައި މިފަދަ ވަރަށް ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން އެންމެ ފަހުން އެ ގައުމުގައި މަރުވެފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ހާޓް އެޓޭކެއް ޖެހިގެން މަރުވެގެން ވެއްޓުނީ ސްޓޭޖް ޝޯއެއްގައި ނަށަން ހުއްޓެވެ.

މި މީހާ ނޫނަސް ލަވަކިޔުންތެރިޔާ ކޭކޭ އާއި ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕުނީތު ރާޖް ކުމާރު ވެސް މަރުވީ ހަމަ މިފަދަ ގޮތަކަށް ހާޓް އެޓޭކް ޖެހިގެންނެވެ.

ޒުވާނުންނަށް މިހާރަކަށް އައިސް މާގިނައިން ހާޓް އެޓޭކް ޖެހޭ ސަބަބަކީ ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން ޖެހުމުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. ނަމަވެސް މީގެ ހަގީގަތް ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެ އެވެ.

ޔަގީންވާ ކަމަކީ އިންޑިއާ ފަދަ ގައުމުތަކުގައި ހާޓް އެޓޭކް ޖެހޭ މީހުންގެ އެވްރެޖް އުމުރުފުރާ ހުޅަނގުގެ ގައުމުތަކުގެ މީހުންނަށް ވުރެ 10 އަހަރު ހަގުކަމެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައި މިފަދަ ގޮތަކަށް ހާޓް އެޓޭކް ޖެހުމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ފާހަގަކޮށްފައި ވެއެވެ.

މީގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެޗްއެސް-ސީއާރްޕީ ޓެސްޓު ކުރުމެވެ. އުމުރުން 30 އަހަރުން މަތީގެ ކޮންމެ މީހަކުވެސް މި ޓެސްޓް ހަދައި އެމީހެއްގެ ހިތުގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލަމުން ގެންދިއުމުގެ މުހިއްމުކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ޓެސްޓަކީ އެމީހާގެ ކޮރޮނަރީ އާޓަރީ ޑިޒީޒް ކިތަންމެ ކުޑަކޮށް ނަމަވެސް ހުރިތޯ ބަލަން ކުރާ ޓެސްޓެކެވެ. މިއީ ހިތަށް ލޭ ފޮނުވައިދޭ އާޓްރީތައް ހިމަވަމުން ދިއުމުން ދިމާވާ ކަމެކެވެ. އާއްމުކޮށް ހާޓް އެޓޭކް ކޮރޮނަރީ އާޓަރީ ޑިޒީޒްގެ ސަބަބުންނެވެ.

މި ރިޕޯޓުގައި ޑޮކްޓަރުން ފާހަގކޮށްފައިވާ ގޮތުގައި ހާޓް އެޓޭކް ޖެހޭ ހަގީގީ ސަބަބު ދެނެގަންނަން ބޭނުންނަމަ އެމީހާގެ ލައިފްސްޓައިލް އާ ދޭތެރޭ އަމިއްލައަށް ވިސްނާލުމުން ޖަވާބު ލިބޭނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބުއިން، އެކަށީގެންވާ ވަރަށް ރޭގަނޑު ނުނިދުން، ކަސްރަތުކުރާލެއް މަދުވުން އަދި ފޯނު ނުވަތަ ޓީވީ އަށް ބަލަން ރޭގަނޑުގެ އެތައް އިރެއް ނުނިދާ ހޭލާ އޮތުން މިއީ ދުވަހެއް ދުވަހަށް ހަށިގަނޑަށް މީގެ ނޭދެވޭ އަސަރުތައް ކުރަމުންދާނެ ކަންކަމެވެ.

ދުވާލަކު މަދުވެގެން 30 މިނިޓް ހިނގުމަށް ވެސް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވެ އެވެ. ނަމަވެސް ފިޓް ހަށިގަނޑެއްގައި ފިޓް ހިތެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެމީހާއަށް ނޭނގި އޭނާގެ ހިތުގެ މައްސަލަތަކެއް ހުންނަ މީހުން ކަސްރަތު ކުރަނިކޮންނާއި ކުޅިވަރު ކުޅެނިކޮށް ހާޓް އެޓޭކް ޖެހި މަރުވެފައި އެބަހުއްޓެވެ.

އިތުރު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސެޗުރޭޓެޑް ފެޓްސް ކެއުން މަދުކުރުމެވެ. މިފަދަ ކާނާ ގިނައިން ކެއުމުން ކޮލެސްޓްރޯލް މަތިވެ ލޭހޮޅިތަކުގައި އެތެރޭގައި ކޮލެސްޓްރޯލް ޖަމާވާން ދިމާވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭ މައްޗަށް ގޮސް ކުއްލިއަކަށް ހާޓް އެޓޭކެއް އައުމަކީ ގާތުގައި އޮތް ކަމެކެވެ.

އުމުރުން 30 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް މިކަންކަން ސަމާލުކަން ދީގެން ހާޓް އެޓޭކެއް ޖެހި ކުއްލި މަރަކުން ސަލާމަތް ވެވޭތޯ މަސައްކަތްކުރުމަށް މި ރިޕޯޓުގައި އިލްތިމާސް ކޮށްފައި ވެއެވެ.