ކަސްރަތު

އިންމަ ސޮބާ ފިޓްނަސްގެ ކަސްރަތު ޕްރޮގްރާމު ހިލޭ

އިންމަ ސޮބާ ފިޓްނަސްގެ ދަށުން "ފިޓްވައިބް އެވެއާނަސް ޕްރޮގްރާމް"ގެ ނަމުގައި ކަސްރަތު ކުރާނެ ގޮތް ދަސްކޮށްދިނުމަށް އާމުންނަށް ހިލޭ ބައިވެރިވެވޭނެ ގޮތަށް ސެޝަންތަކެއް ތައާރަފް ކޮށްފި އެވެ.

މި ޕްރޮގްރާމުގައި ކިޔައިދޭ ބައިތަކުގެ ތެރޭގައި ކަސްރަތު ކުރާއިރު ނޭވާލާންޖެހޭ ގޮތާއި، ވަކިވަކި ހަރަކާތްތައް ކުރާއިރު ހަށިގަނޑު ބަހައްޓަންޖެހޭ ގޮތާއި، އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުކޮށްލާއިރު ކަންކުރަންޖެހޭ ގޮތާއި މިނޫންވެސް ކަސްރަތާ ގުޅޭ އާންމު މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.

މިފަދަ ޕްރޮގްރާމެއް ހިނގުމުގެ މަގުސަދާ ގުޅޭގޮތުން ސޮބާ ބުނީ ކޮންމެ މީހަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭތީ އޭނާއަށް ލިބިފައި ހުރި މައުލޫމާތާއި ތަޖުރިބާގެ ބޭނުންކޮށްގެން ކަސްރަތު ކުރަން ބޭނުންވާ އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކޮންމެ މީހަކަށްވެސް އެހީތެރިވާން ބޭނުންވާ ކަމަށެވެ.

"މީހުންނަށް ކަސްރަތު ކުރާނެ ގޮތް އުގަންނައިދީ ކުރިއަށް ވުރެ މީހުން ކަސްރަތަށް ހޭލުންތެރިކޮށް، ކަސްރަތު ކުރުމަކީ ހިތްވަރާއިއެކު އަމިއްލައަށްވެސް ކުރެވިދާނެ ކަމެއް ކަމުގެ އުއްމީދު އާކޮށްދީ، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ހިތްވަރު ދިނުން އެއީ މިކަމުގެ އެންމެ މުހިއްމު މަގުސަދު،" ސޮބާ ބުނެފައިވެ އެވެ.

މިފަދަ ޕްރޮގްރާމެއް ފަށަން ބޭނުންވި ސަބަބާ ގުޅޭ ގޮތުން ސޮބާ ވަނީ ވާހަކަދައްކާފަ އެވެ.

"ހަގީގަތުގައި ދުވާ ޓްރެކް ތެރޭގައި އަމިއްލައަށް ކަސްރަތު ކުރަން އައިސް އުޅޭ ބައެއް މީހުން ނުބައިކޮށް ކަސްރަތު ކުރާ މަންޒަރު އެބަ ފެނޭ. އެހެންވެ އެފަދަ މީހުންނަށް ކަސްރަތު ކުރަންވީ ރަނގަޅު ގޮތް ބުނެދޭން ބޭނުންވާތީ މިކަން މިފެށީ،" ސޮބާ ބުންޏެވެ.

ސޮބާގެ އުއްމީދަކީ އޭނާ ކުރިއަށް ގެންދާ ޕްރޮގްރާމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ކަސްރަތު ކުރަންވީ ރަނގަޅު ގޮތުގެ މައުލޫމާތު ހޯދައި ކަސްރަތު ކުރުމުގައި ދެމިތިބުމެވެ.

ސޮބާ ގަބޫލުކުރާ ގޮތުގައި ކޮވިޑް 19ގެ އެންމެ އުދަނގޫ ދުވަސްވަރަށްފަހު އަމިއްލައަށް ގޭގައި ތިބެގެން ކަސްރަތު ކުރާ މީހުންނާއި ޖިމްތަކަށް އަދި ކަސްރަތު ކުރާ ތަންތަނަށް ގޮސްގެން އަމިއްލައަށް ކަސްރަތު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

"މިއީ ފެންނަ ވަރަށް ރަނގަޅު މަންޒަރެއް އަދި އަޅުގަނޑު ވަރަށް އުފާވާ ކަމެއް،" ސޮބާ ބުންޏެވެ.

އިންމަ ސޮބާ ފިޓްނަސްގެ ދަށުން ކުރިއަށް ގެންދާ "ފިޓްވައިބް އެވެއާނަސް ޕްރޮގްރާމް"ގެ ކޮންމެ ސެޝަނެއްގައި 20 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. ކޮންމެ ސެޝަނެއްގައި މުޅިން އާ ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށް ސޮބާ ބުންޏެވެ.

އިވޯވް އަދި އެލެވޭޓް ޖިމްގެ ފިޓްނަސް ޕާޓްނަރު އިސްމާއިލް ސޮބާހް އަކީ ފިޓްނަސްގެ ދާއިރާގައި މަސައްކަތް ކުރާތާ 17 އަހަރު ވެފައިވާ އިންސްޓްރަކްޓަރެކެވެ.

ސޮބާ ވަނީ 2017 ވަނަ އަހަރުން ފެށިގެން އައުޓްޑޯ ކޭމްޕްތައް ހިންގަން ފަށާފަ އެވެ. ސޮބާއަކީ މިދާއިރާގައި އަލަށް ޕާސަނަލް ޓްރޭނިން ހަދާ ކުދިންނަށް ކިޔަވައިދޭ ލެކްޗަރާއެއްވެސްމެ އެވެ.