ރެޑްބުލް ހާފް ކޯޓު ތުރީ އޮން ތުރީގެ ރާއްޖޭގެ ކޮލިފައިން ބުރު ކާމިޔާބުކޮށް، ތުރީ އޮން ތުރީގެ ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ "ރެޑްބުލް ހާފް ކޯޓު" މުބާރާތަށް ސްނެޕާސް ކޮލިފައިވެއްޖެ އެވެ.
ސްނެޕާސް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ކުޅުނު ފައިނަލުގައި އެޓީމު ނުކުތީ ޝޫޓާސްއާ ދެކޮޅަށެވެ.
ތުރީ އޮން ތުރީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސްނެޕާސް އިން ފައިނަލް މެޗުގައި މޮޅުވީ 22-13 އިންނެވެ.
ސްނެޕާސް ޓީމުގައި ހިމެނުނީ އިބްރާހީމް ރަޝްވާން (ޗިކު) އާއި އިސްމާއީލް ވިލްދާންގެ އިތުރުން އަބްދުﷲ އަމްޒަރު އަދި މުހައްމަދު ރިޝްވާން (ކޭބީ) އެވެ.
ސްނެޕާސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ސްޕައިސީ ބަލިކޮށްގެންނެވެ. ފައިނަލުގެ ޖާގައެއް ޝޫޓާސް ހޯދީ ކިއުއޭ އަތުން މޮޅުވެގެންނެވެ.
ކޮލިފައިން ބުރުގެ އިތުރުން ތުރީ އޮން ތުރީ ޕޮއިންޓް ޗެލެންޖުގެ ފްރީ ތުރޯ ޗެލެންޖު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މަފާޒު މުހައްމަދު އެވެ.
ރާއްޖޭގައި ކޮލިފައިން ބުރު ކުރިއަށް ގެންދިޔައީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު އެވެ.
ކޮލިފައިން ބުރަށް ފަހު ޗެމްޕިއަނުން ވާދަކުރާ ފައިނަލް ބުރުގައި 20 ގައުމަކުން ވާދަކުރާނެ އެވެ. ފައިނަލް ބުރު މިމަހުގެ 28 އިން އަންނަ މަހުގެ ދޭކަށް އޮންނާނީ މިސްރުގެ ގާހިރާގަ އެވެ. ފައިނަލް ބުރުގައި ދުނިޔޭގެ 24 ގައުމަކުން އެންމެ މޮޅު ސްޓްރީޓްބޯލަރުން ވާދަކުރާނެ އެވެ.