- މާލޭގެ ސްކޫލްތަކަށް 2200 ކުދިން ވެއްދި
- ޕްރީން ސްކޫލަށް 9000 އަށް ވުރެ ގިނަ ކުދިން ބަދަލުވި
- ސްކޫލްތައް އަޕްގްރޭޑް ކުރަން 25 މިލިއަން ރުފިޔާ
އަތޮޅުތަކުންނާއި ރާއްޖެއިން ބޭރުން، މާލޭގެ ސްކޫލްތަކަށް 1000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ގްރޭޑް އެކަކަށް މުޅި ރާއްޖެއިން 2200 ކުދިން ބަދަލުވެފައިވާއިރު، މާލޭގެ ސްކޫލްތަކަށް ބަދަލުވި ކުދިން ހިމަނައިގެން މުޅި ރާއްޖެއިން 3400 ކުދިން ސްކޫލް ތަކަށް ވެއްދި ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާއި ބަލާއިރު އިތުރު އަދަދެކެވެ. ޕްރީ ސްކޫލަށް ވެއްދި ކުދިންނަށް ބަލާއިރު، މިއަހަރު އެލްކޭޖީ އަދި ޔޫކޭޖީއަށް 9000 އަށް ވުރެ ގިނަ ކުދިން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޕްރީ ސްކޫލްތައް ހިންގުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދިއުމާއެކު ސްކޫލްތަކުގެ ވަސީލަތްތައް އަޕްގްރޭޑްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ކްލާސް ރޫމްތަކާއި ޕްލޭ އޭރިއާ އާއި އެނޫންވެސް އެފަދަ ބައެއް ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް 25 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެލްކޭޖީ އާއި ޔޫކޭޖީ ހަމައެކަނި ސަރުކާރުގެ ސްކޫލްތަކުން ހިންގުމަށް ނިންމީ ޕްރީ ސްކޫލް ގަވާއިދުގައި ޕްރީ ސްކޫލް ކުދިން ކަމަށް ބުނެފައިވަނީ އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ކުދިން ކަމަށްވާތީ އެވެ. އެހެންކަމުން ނާސަރީ އަދި ބޭބީ ނާސަރީ ކުރިއަށް އޮތްތަނުގައި ވެސް ހިންގަން ޖެހޭނީ ކައުންސިލާއި ބެލެނިވެރިން ގުޅިގެން ނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް މިއަހަރު ބަދަލުކޮށްފައިވަނީ މާލެއާއި އައްޑޫ ސިޓީ ފިޔަވައި އެހެން ރަށްރަށުގެ ޕްރީސްކޫލް ތަކެވެ. މާލެ އާއި އައްޑޫގެ ޕްރީސްކޫލްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލު ނުކުރީ، އެތަންތަން ހިންގާ ފަރާތްތަކުން އެކަށީގެންވާ ފެންވަރަށް އެ ސްކޫލްތައް ހިންގަމުންދާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.