ކްރިމިނަލް ކޯޓް

މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Sep 14, 2022

ދޯންޏެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ރ. މަޑުއްވަރީ، ބީޗް ހައުސް އިސްމާއީލް އާސިފްގެ މައްޗަށެވެ. ނަމަވެސް މައްސަލައިގައި އާސިފް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހާއި 10 ދުވަހެވެ.

ދައުލަތުން އާސިފަށް ދައުވާކުރީ ދޯންޏެއްގެ ތެރޭގައި މީހަކަށް ހަމަލާދިނުމަށްފަހު މޫދަށް އެއްލައިލި މައްސަލައިގައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިނގި އެ ހާދިސާގައި އާސިފް ހަމަލާދީފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށެވެ.

ދައުވާއަށް އާސިފް އިންކާރުކޮށްފައިވާއިރު، ކުށް ސާބިތުކުރަން ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ. އެ ގޮތުން މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ސިއްރު ހެކިން ހިމެނެއެވެ.

ހައްމާދު ބުނެފައިވާ ގޮތުން އޭނާއަށް އާސިފް ހަމަލާދިނީ ދީނީ ގޮތުން ހިޔާލު ތަފާތުވެ އުފެދުނު ދެބަސްވުމެއްގައެވެ.

މާރާމާރީ ހިންގި ދޯނިން އާސިފް އާއި ހައްމާދުގެ ޑީއެންއޭ ފެނިފައިވާކަން ކޯޓުގެ ހުކުމްގައިވެއެވެ. ހައްމާދު އަމިއްލައަށް ހަށިގަނޑަށް އަނިޔާ ދިން ކަމަށް އާސިފް ބުނި ނަމަވެސް، ހައްމާދަށް އަނިޔާ ލިބިފައިވަނީ އާސިފްގެ ފަރާތުން ކަމަށް ބެލެވޭ ހެކި ލިބިފައިވާ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމްގައިވެއެވެ.

އާސިފް ވަނީ ހައްމާދުގެ ބޮލަށާއި ބުރަކައްޓަށާއި ވާތު ކޮލަށާއި ބާތު ކަންފަތަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައެވެ. އާސިފް ދިން ހަމަލާގެ ސަބަބުން ހައްމާދުގެ އަތުގެ އިނގިލިތަކަށްވެސް ވަނީ ޒަހަމްވެފައެވެ.