އެޗްޑީސީ

ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހޮނިހިރުގައި

"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ސާފުކުރުމުގެ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެޗްޑީސީ އިން ބުނިގޮތުގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކާއި އަދި އެސްއޯއީތަކުން ބައިވެރިވާނެ އެވެ.

އެޗްޑީސީ އިން ބުނީ މި ހަރަކާތަކީ އެ ކޯޕަރޭޝަންގެ "ދުނިޔެ މަގޭ ކެމްޕޭން"ގެ ދަށުން ކަމަށެވެ.

މި ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މިފަހަރު ބާއްވާ ސާފުކުރުގެ ޕްރޮގްރާމަކީ މިދުވަހާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު ސާފުރުކުރުމުގެ ހަރަކާތް ކަމަށެވެ.

ހުޅުމާލެ ސާފުތާހިރުކޮށް ބޭއްވުމަށް އެ އަވަށުގައި ދިރިއުޅޭ އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ ސާފުކުރުމުގެ ދުވަހުގައި މުއައްސަސާތަކާއި، މިނިސްޓްރީތަކާއި ސްކޫލްތަކުގެ އިތުރުން ރިސޯޓުތަކުން ވެސް ބައިވެރިވުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެދިފަ އެވެ.