މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މަދަނީ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަނާޅާ މައްސަލަތަކުގެ ހުކުމް އެ ކޯޓުތަކުން ތަންފީޒުކޮށް ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ.
ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ސާކިއުލާއަކުން ވަނީ އަންނަ ފެބްރުއަރީ މަހުން ފެށިގެން މަދަނީ މައްސަލަތަކުގެ ހުކުމް ކޯޓުތަކުން އަމިއްލައަށް ތަންފީޒު ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި އެކަމަށް ކޮންމެ ކޯޓެއްގައި ވަކި ޑިވިޝަނެއް ހަދަންޖެހޭ ގޮތަށް ވެސް ކުރިން ވަނީ ހަމަޖައްސައިފަ އެވެ.
އެ ސާކިއުލާއާ ހަވާލާދީ އެ ކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައި ވަނީ މެޖިސްރޭޓް ކޯޓުތަކުން ނިންމާ މަދަނީ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭ މުއްދަތުގައި އިސްތިއުނާފް ނުކޮށްފި ނަމަ އެ މައްސަލައެއް ނިންމި ކޯޓުގައި ގާއިމްކޮށްފައިވާ ހުކުމް ތަންފީޒު ކުރާ ޑިވިޝަނުން އެ ހުކުމެއް ތަންފީޒުކޮށް ނިންމަންޖެހޭނެ ކަމަށެވެ.
މީގެ ކުރިން މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް ތަންފީޒު ކުރަން ޖެހެނީ ވަކިން މައްސަލަ ހުށަހަޅާށެވެ. ނަމަވެސް އެ ހުކުމެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފި ނަމަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ނުގެންގޮސް މަޑުޖައްސަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ރިޓް އޮފް ޕްރޮހިބިޝަނެއް ނެރެފަ އެވެ.