ރާއްޖެ ކުޅިވަރު

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ހުޅުމާލޭގައި ފަށައިފި

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ހުޅުމާލޭ ސައިކްލިން ޓްރެކުގައި މިއަދު ހެނދުނު ފަށައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް ތަރުހީބު ބޮޑު މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 900 އަށް ވުރެ ގިނަ ދަރިވަރުން ވާދަކުރެ އެވެ. މިއީ މަމެން ސައިކްލިން މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ބޭއްވުމަށް ފަހު މިދިޔަ ދެ އަހަރު ކޮވިޑާ ގުޅިގެން މުބާރާތް ބޭއްވޭގޮތް ނުވީ އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިން ވާދަކުރަނީ ފަސް އުމުރުފުރައަކުންނެވެ. އެއީ 19 އަހަރުން ދަށް، 17 އަހަރުން ދަށް، 15 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 11 އަހަރުން ދަށެވެ.

މިއަދު ހެނދުނު ފެށީ 13 އަހަރުން ދަށުގެ އިވެންޓްތަކެވެ. މިގޮތުން 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 200 މީޓަރު ރޭސްތައް ހެނދުނު ކުރިއަށް ގެންދިޔަ އެވެ.

އުމުރުން 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ 200 މީޓަރު ރޭސްތައް މިއަދު ކުރިއަށްދާނެ އެވެ.

މާދަމާ ހެނދުނު ކުރިއަށްދާނީ އެއް ކިލޯމީޓަރާ ތިން ކިލޯމީޓަރުގެ ރޭސްތަކެވެ. އެއް ކިލޯމީޓަރު 13 އަހަރުން ދަށާއި 15 އަހަރުން ދަށަށް އަމާޒުކޮށްފައިވާއިރު ތިން ކިލޯމީޓަރުގެ ބައިގައި ވާދަކުރާނީ 17 އަހަރުން ދަށުގެ ކުދިންނާއި 19 އަހަރުން ދަށުގެ ބައިވެރިންނެވެ.

މި ބައިތަކުގެ އިތުރުން ޓީމް އިވެންޓްތަކާއި 11 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ކިޑްސް ފަން ރައިޑް" ވެސް މާދަމާ ކުރިއަށްދާނެ އެވެ.

ޓީމު އިވެންޓްތަކުގައި ހިމެނެނީ ތިން ކިލޯމީޓަރުގެ ޓީމް ޕާސޫޓް އެވެ. މި ހަރަކާތުގައި "ކިޑްސް ފަން ރައިޑް" ނޫން އެހެން ހުރިހާ ކެޓެގަރީތަކުން ވަނަތައް ހޮވައި މެޑަލް ދިނުމާއި ކޮންމެ ކެޓަގަރީއަކުން އެއްވަނަ ސްކޫލް ހޮވުމަށްވެސް ހަމަޖެހިފައިވެ އެވެ.

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.