ދިރާގު

ދިރާގު ރޯޑް ރޭސްގެ އޮފީސް/ރިސޯޓް ޓީމް އިވެންޓަށް ރަޖިސްޓާކޮށްލާ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި މި އަހަރު މުޅިން އާ އޮފީސް/ރިސޯޓް – 5ކޭ ޓީމް އިވެންޓް ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފަ އެވެ.

މި އާ ކެޓަގަރީ ތައާރަފު ކުރުމުގެ މަގްސަދަކީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.

އަލަށް ތައާރަފްކުރި އޮފީސް/ރިސޯޓް ކެޓަގަރީއާ އެކު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ.

މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށްވެސް ޑީއެމްއާރްއާރްގައި ރަޖިސްޓްރީވެވޭނެ އެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ، ރަޖިސްޓަާ ކުރެވޭނެ އެވެ.

ޓީމެއްގެ ގޮތުގައި ރަޖިސްޓާކުރާ އިރު ކޮންމެ މެމްބަރެއްގެ ރަޖިސްޓްރޭޝަން ފީއަކީ 250 ރުފިޔާ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް އަދި ޑީއެމްއާރްއާރް 2024 އާ ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފަ އެވެ. އަދި ހުރިހާ މެމްބަރުންވެސް 5ކޭ ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ކެޓެގަރީގެ އިނާމުތަކަކީ

  • ޗެމްޕިއަން ޓީމް: 10،000 ރުފިޔާ
  • ރަނަރަޕް ޓީމް: 8،000 ރުފިޔާ
  • ދެވަނަ ރަނަރަޕް ޓީމް: 6000 ރުފިޔާ

ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވެވޭނެ އެވެ. މި ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް މި ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ޑީއެމްއާރްއާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަންއެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2024 އަކީވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރި ކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.