ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2024 ގައި ބައިވެރިވުމަށް ރަޖިސްޓާވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ދިރާގުން ވަނީ 5ކޭ، 10ކޭ އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލާފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މިއަހަރުގެ ޑީއެމްއާރްއާރްގައި މުޅިން އާ ކެޓެގަރީއެއްގެ ގޮތުގައި އޮފީސް/ރިސޯޓް ކެޓެގަރީ ތައާރަފްކޮށްފަ އެވެ.

ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް ރޯޑްރޭސް ވެބްސައިޓް މެދުވެރިކޮށް މިހާރު ރެޖިސްޓާ ކުރެވޭނެ އެވެ.

މި ރޭހަކީ ކޮންމެ އަހަރަކުވެސް ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތަކެއް ދެވިގެންދާ ރޭހެކެވެ. މިގޮތުން މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފަ އެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަން އެވެ.

މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 25 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމެވެ.

"މި ދުވުމުގެ 15ވަނަ ސިލްސިލާ މިފަހަރު ބޭއްވިގެންދާއިރު މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސް/ރިސޯޓް ޓީމް ކެޓެގަރީ ހިމަނާފައިވާނެ. މީގެ މަގުސަދަކީ އޮފީސްތަކާއި ރިސޯޓްތަށް ޓީމެއްގެ ގޮތުގައި އެ މުއައްސަސާގެ މުވަޒަފުންނަށް، ތަމްސީލުކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވައިލުން." މިރްޝާން ވިދާޅުވި އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިންވެސް ބައިވެރިވެއެވެ. އެގޮތުން މިދިޔަ އަހަރު 27 ގައުމެއްގެ މީހުން ވަނީ ޑީއެމްއާރްއާރްގައި ބައިވެރިވެފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2024 އަކީވެސް ދިރާގުގެ ސީއެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯސްކޮށްފައިވާ 12 އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ.

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ.

މިގޮތުން މިދިޔަ އަހަރުގެ ޕާޓުނަރު އެންޖީއޯތަކަށް ދިރާގުންވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.