ލައިފްސްޓައިލް

އިންޑިއާގެ ރީތި ގަނޑުވަރުތަކާއި މޮނިއުމަންޓްތައް

އިންޑިއާއަކީ ގުދްރަތީ ރީތިކަމުގެ އިތުރުން މުސައްދި އެތައް ސަގާފަތަކާއި ވަރުގަދަ ތާރީހެއް އޮތް ގައުމެކެވެ.

އިންޑިއާގައި ރީތި، އާސާރީ އެތައް ޝާހީ ގަނޑުވަރުތަކާއި މޮނިއުމަންޓްތަކެއް ވެސް ހިމެނެ އެވެ. މި ތަންތަނުގައި އިންޑިއާގެ ސަގާފަތްތަކާއި އެކި ފަހަރު މަތިން އިސްތިއުމާރުކޮށްފައިވާ ބާރުތަކުގެ ނިޝާން މިއަދުވެސް ފެންނަން ހުރެ އެވެ. މިގޮތުން މިފަދަ ޝާހީ ގަނޑުވަރުތަކާއި މޮނިއުމަންޓްތަކަށް ބަލާލަމާތޯ އެވެ.

1
 

ހުމައްޔޫންގެ ޓޫމްބް، ދިއްލީ

1570 ގައި އިމާރާތްކުރެވުނު ހުމައްޔޫން ޓޫމްބަކީ މުގާލް ދަރިފަސްކޮޅުގެ ޒަމާނުގައި ސުލްތާން އަކްބަރުގެ އަމުރަށް ބިނާކުރި ގާޑަން ޓޫމްބެކެވެ. މިއީ އިންޑިއާގައި ބިނާކުރެވުނު މިފަދަ ފުރަތަމަ ތަނެވެ. މި ޓޫމްބް ތެރޭގައި އެހެން އެތައް ޓޫމްބެއް އެކުލެވިގެންވެއެވެ.

2
 

މައިސޫރު ޕެލެސް، މައިސޫރު، ކަރްނާޓަކާ

މި ގަނޑުވަރަށް އަމްބާ ވިލާސްވެސް ކިޔަ އެވެ. މިއީ މައިސޫރުގެ ރަސްގެފާނު ރަސްމީކޮށް ދިރިއުޅުއްވި ގަނޑުވަރެވެ. މި ގަނޑުވަރު އިމާރާތްކޮށްފައިވަނީ 1897 އާ 1912 އާ ދެމެދު އެވެ.

3
 

ހަވާ މެހެލް، ޖޭޕޫރް، ރާޖަސްތާން

ހަވާ މެހެލް އަކީ ރާޖަސްތާނުގައި ރާޖްޕުތާނާ އާކިޓެކްޗާ އެންމެ ފުރިހަމައަށް ފެންނަ ގަނޑުވަރެވެ.

މި ގަނޑުވަރު އިމާރާތްކޮށްފައިވަނީ 1799ގައި މަހާރާޖާ ސަވާއި ޕްރަތާޕް ސިން ބޭނުންވެގެން، ކޭތްރީ މެހެލް އަށް ބަލައިގެންނެވެ. މި ގަނޑުވަރުގައި ލެޓިސްވާކް ހަދާފައިވާ 953 ކުޑަދޮރު ހުރެ އެވެ. އަދި ވެންޗޫރީ އިފެކްޓް ބޭނުންކޮށްފައި ހުރުމުން، ފިނި ވައި ދައުރުވެ އެވެ.

4
 

ތާޖް މަހަލް، އާގްރާ، އުއްތަރް ޕްރަދޭޝް

މިއީ އިންޑިއާގެ އެންމެ މަޝްހޫރު ގަނޑުވަރެވެ. މުގާލް ސުލްތާން ޝާހް ޖަހާން އޭނާގެ ރާނީ މުމްތާޒަށް އިމާރާތްކުރި ތާޖް މެހެލް އަކީ ރީތި ކަމަށާއި ލޯބީގެ ނިޝާނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ތަނެކެވެ.

މިގަނޑުވަރުގައި ޝާހްޖަހާންއާއި މުމްތާޒްގެ ޓޫމްބް ހިމެނެ އެވެ. މި ގަނޑުވަރު ބިނާކުރުމަށް 20،000 އަށް ވުރެ ގިނަ މީހުން ބޭނުންކުރި އެވެ.

5
 

ޝީޝް މަހަލް، ޖޭޕޫރް، ރާޖަސްތާން

ޝީޝް މެހެލް ހަދާފައިވަނީ 17 ވަނަ ގަރުނުގައި ރަސްގެފާނު މާން ސިންގް އެވެ.

މި ގަނޑުވަރު މާބަލް އާއި ރެޑް ސޭންޑްސްޓޯނުން ހަދާފައިވީ ނަމަވެސް، އެތައްހާސް ލޯގަނޑާއި ރީތީ މޯޒައިކް އަދި ކުލައިގެ ބިއްލޫރިން ޒީނަތްތެރިކޮށްފައި ހުރުމުން އިރު އަރާއިއިރު ނޫނީ އަލިކޮޅެއް ވަނުމާއެކު މުޅި ގަނޑުވަރު ގުދްރަތީގޮތުން ދިއްލެ އެވެ.

6
 

ސާންޗީ ސްޓޫޕާ، ސާންޗީ، މަދްޔަ ޕްރަދޭޝް

މޯރްޔާ ރަސްގެފާނު އަސޯކާގެ ދުވަސްވަރު ހަދާފައިވާ މިތަނަކީ ބުދިސްޓް އާކިޓެކްޗާ އަދި ބުދުތައް ހިމެނޭ ތަނެކެވެ. މިއީ އިންޑިއާގެ އެންމެ ގިނަ ދުވަސްވި އެއްތަނެވެ.

7
 

ބުލަންދް ދަރްވާޒާ، ފަތޭހްޕޫރް ސިކްރީ

ބުލަންދް ދަރްވާޒާ އަކީ މުގާލް ސުލްތާން އަކްބަރު 1601 ގައި ބިނާކޮށްފައިވާ ތަނެކެވެ. މިއީ ޖަމާ މަސްޖިދް ފެށޭ ތަނުގައި އިންނަ ތަނެކެވެ. މިއީ ދިއްލީއަށް ބަދަލުކުރުމުގެ ކުރިން އަކްބަރު ވެރިކަން ކުރި ރަށެވެ.

8
 

ރެޑް ފޯޓް، ދިއްލީ

މިއީ އިންޑިއާގެ އެންމެ ޝާހީ އަދި ގްރޭންޑް މޮނިއުމަންޓެވެ. މިތަން ބިނާކޮށްފައިވަނީ މުގާލް ސުލްތާން ޝާހް ޖަހާނެވެ. ރެޑް ފޯޓްގައި ކޮންމެ އަހަރަކު 26 ޖަނަވަރީގައި އިންޑިއާގެ ޖުމްހޫރި ދުވަސް ފާހަގަކުރެ އެވެ.