ޕީއެސްއައިޕީ

ޕީއެސްއައިޕީއަށް 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފި

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރު 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީއެސްއައިޕީގެ ދަށުން މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ދައުލަތުން ކޮށްފައިވަނީ ދަތުރުފަތުރު ގުޅުންހުރި މަޝްރޫއުތަކަށެވެ. އެގޮތުން ބަނދަރު މަޝްރޫއުތަކަށް މިއަހަރު 589.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ބްރިޖް މަޝްރޫއުތަކަށް 513.1 މިލިއަން ރުފިޔާ އަދި އެއާޕޯޓް މަޝްރޫއުތަކަށް 420.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން މިހާތަނަށް 888.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް 497.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ޕީއެސްއައިޕީން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް 477 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 718.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން 34 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ 25.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ތިލަމާލެ ބްރިޖްގެ މަޝްރޫއެވެ. ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.