އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި 3-0 އިން ވުލްވްސް ބަލިކޮށް ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ލީގު ތާވަލުގެ އެއްވަނަ އަށް އަރައިފި އެވެ.
ސިޓީ އެއްވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އާސެނަލެވެ. މާދަމާ ހަވީރު ބްރެންޓްފޯޑް ބަލިކޮށްގެން އާސެނަލަށް އަލުން އެއްވަނަ އަށް އެރޭނެ އެވެ.
މިއަދުގެ މެޗުގެ 55 ވަނަ ސިކުންތުގައި ސިޓީ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ. ސިޓީ އަށް ލީޑު ފުޅާކޮށްދިން ލަނޑު 16 ވަނަ މިނެޓުގައި ޖެހީ އާލިން ބްރައުޓް ހާލަންޑެވެ.
މިއަދުގެ ގޯލާ އެކު ހާލަންޑް މިވަނީ ޖެހިޖެހިގެން ހަތް މެޗުގައި ސިޓީ އަށް ގޯލު ޖަހާފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގައި ހާލަންޑް ވަނީ 14 ލަނޑު ޖަހައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ކުޅުންތެރިއަކު ކްލަބް ބަދަލުކުރުމަށް ފަހު ގޯލު ރެކޯޑް އެންމެ ރަނގަޅު ފަހަރެވެ. އުމުރުން އެންމެ 22 އަހަރުގެ ނޯވޭގެ ފޯވާޑް ސިޓީގައި ޖަހަމުން އަންނަ ގިނަ ގޯލުތަކާ އެކު އޭނާ މި ސީޒަނުގައި ގިނަ ރެކޯޑްތަކެއް މުގުރާލާނެ ކަމަށް ބެލެވެ އެވެ.
މެޗަށް ނުކުތް ވުލްވްސް ޓީމުގައި އެޓީމާ އަލަށް ގުޅުނު ތަޖުރިބާކާރު ފޯވާޑް ޑިއޭގޯ ކޮސްޓާ ހިމަނާފައެއްނުވެ އެވެ. ކޮސްޓާ ޓީމުގައި ނުހިމެނީ މެޗް ފިޓްނެސް އެވަރަށް ނެތުމުންނެވެ. އަނެއްކޮޅުން އެޓީމުގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ވެސް އަނިޔާގެ ސަބަބުން ނުކުޅެ އެވެ.
ސިޓީ އިން ދެ ގޯލު ޖެހިފަހުން ވުލްވްސް އަށް ކުރިމަތިވި މައްސަލައަކީ ފުރަތަމަ ހާފުގައި އެޓީމުގެ ޑިފެންޑަރު ނޭތަން ކޮލިންސް، ގްރީލިޝް އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ސީދާ ރަތް ކާޑު ދެއްކުމެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފުގައި ވުލްވްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެކަމަކު ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. ސިޓީގެ ތިން ވަނަ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ފިލް ފޯޑެން އެވެ.
ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބޯންމައުތުން ލަނޑު ޖަހާފައި ވަނިކޮށް ނިއުކާސަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލެކްސަންޑަ އިސާކް އެވެ. ހަތް މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު ނިއުކާސަލް މިވަގުތު އޮތީ ލީގުގެ 10 ވަނައިގަ އެވެ.