މިނިސްޓްރީ އޮފް ހެލްތު

ފަރުވާދޭ ވަގުތު ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ހޯދައިދޭ ގައިޑްލައިންތަކެއް

ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބަލި މީހުންނަށް ފަރުވާދޭ ވަގުތު ދިމާވާ ގެއްލުންތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކަމާގުޅޭ ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

މި ގައިޑްލައިންތައް ނެރެ އަަމަލުކުރަން ފެށީ އިއްޔެ ފާހަގަކުރި "ވޯލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހާ ގުޅުވައިގެން ހެލްތް މިނިސްޓްރީން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންތަކުގެ ތެރޭގައި ހިމެނެނީ ނެޝަނަލް ސްޓޭންޑަޑް ފޯ ކްލިނިކަލް ލެބޯޓްރީސް، ނެޝަނަލް ގައިޑްލައިން އޮން އެންޓިނޭޓަލް އެންޑް ޕޯސްނޭޓަލް ކެއާ އިން މޯލްޑިވްސް، ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގައިޑްލައިން، ހޮސްޕިޓަލް އެކުއާޑް އިންފެކްޝަން އެންޑް ޕްރިވެންޝަން ގައިޑްލައިން އަދި މޯލްޑިވްސް ހެލްތުކެއާ ކޮލިޓީ ސްޓޭންޑަޑްސްގެ ޑިޖިޓަލް ޕްލެޓްފޯމެވެ.

މި ގައިޑްލައިންތައް ހެލްތް މިނިސްޓްރީން އެކުލަވާލާފައިވަނީ ޑަބްލިޔުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.

ހެލްތް މިނިސްޓްރީން ބުނީ އަލަށް އެކުލަވާލި ގައިޑްލައިންތަކަކީ ފަރުވާދޭ ފަރާތްތަކާއި، ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށާއި، ފަރުވާ ލިބުމުގެ ތެރޭގައި ލިބޭ ގެއްލުން މަދުކުރުމަށް ބާރުއަޅައިދޭނެ ގައިޑްލައިން ތަކެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަނަ ދުވަހަކީ "ވޯލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހުގެ ގޮތުގައި ކަނޑައަޅާ، އެދުވަސް ފާހަގަކުރުމަށް ޑަބްލިޔުއެޗްއޯއިން ނިންމާފައިވާއިރު މި އަހަރުގެ ޝިއާރަކީ "މެޑިކޭޝަން ސޭފްޓީ –މެޑިކޭޝަން ވިތައުޓް ހާމް" އެވެ.

ކަމާ ގުޅޭ އިދާރާތަކުގެ 2019 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ކޮންމެ 10 ބަލި މީހަކުން އެކަކަށް ވަނީ ފަރުވާ ލިބުމުގެ ތެރޭގައި ގެއްލުމެއް ލިބިފަ އެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބަލި މީހާއަށް ބޭސް ބޭނުންކުރަންވާ ގޮތް ރަގަޅަށް ބުނެދިނުން މުހިންމު ކަމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ބަލިމީހާއަށް ލިބިދޭންޖެހޭ ރައްކާތެރިކަން ނުލިބުމުގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން އަހަރަކު 134 މިލިއަން މީހުންނަށް އެކިކަހަލަ ގެއްލުންތައް ލިބެމުންދެ އެވެ. މީގެ ތެރެއިން 2.6 މިލިއަން މީހުންނަކީ މަދު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން ކޮންމެ އަހަރަކު މަރުވާ މީހުންނެވެ. އެގޮތަށް ގެއްލުންވާ މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ އެޑްމިޓްނުކޮށް ދެވޭ ފަރުވާ ދިނުމުގެ ތެރޭގައި ގެއްލުންވާ މީހުންނެވެ.