ކުޅިވަރު

9 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ފަޔާޒް ހޯދައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން މާލޭ ބިލިއާޑް ހޯލުގައި ކުރިއަށްގެންދިޔަ އެސޯސިއޭޝަން ކަޕް 2022ގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލުގައި އިސްމާއީލް ޖީހާންއާ ވާދަކޮށް ފަޔާޒް މޮޅުވީ 9-5 ފްރޭމުންނެވެ. 9 ބޯލް އެސޯސިއޭޝަން ކަޕްގެ އިތުރުން މިއަހަރު ބޭއްވި 10 ބޯލް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކުރީ ފަޔާޒް އެވެ.

މުބާރާތުގައި 88 ކުޅުންތެރިން ވާދަކުރިއިރު މެޗުތައް ކުރިއަށް ގެންދިޔައީ ގްރޫޕް ސްޓޭޖަށް ފަހު ނޮކްއައުޓް އުސޫލުންނެވެ.

ފައިނަލުގައި ވާދަކުރިއިރު ގްރޫޕް ސްޓޭޖުގައި މި ކުޅުންތެރިންގެ ކުރިމަތިލުން ވެސް ކާމިޔާބުކުރީ ފަޔާޒް އެވެ. މުބާރާތް ކުރިއަށްދިޔައީ މި މަހުގެ 12 އިން 17 ގެ ނިޔަލަށެވެ.

ރޭގެ މެޗުގައި ފުރަތަމަ ފަސް ފްރޭމް ފަޔާޒް ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން ޖީހާން ވަނީ ހިތްވަރުކޮށް ބައެއް ފްރޭމްތައް ކާމިޔާބުކޮށްފަ އެވެ.

ފަޔާޒް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އަލީ ފަޔާޒު ބަލިކޮށްގެންނެވެ. ޖީހާން ފައިނަލުގެ ފުރުސަތު ހޯދީ ގައުމީ ޓީމުގައި ހިމެނޭ އިސްމާއީލް ސުވައިދު ބަލިކޮށްގެންނެވެ.

9 ބޯލް ޗެމްޕިއަންޝިޕަށް ފަހު ބިލިއާޑްގެ އިތުރު މުބާރާތެއް މި އަހަރު އަދި އޮންނާނެވެ.