ވިޔަފާރި

އެއްގަމު އުޅަނދުގެ އާމްދަނީ 19 ޕަސެންޓް މައްޗަށް

Jan 13, 2016
  • ވެހިކަލް ފީއިން މިދިޔަ އަހަރު 62 މިލިއަން ރުފިޔާ
  • ކަނޑު އުޅަނދު ފަހަރުން ހަތް މިލިއަން ރުފިޔާ ލިބުނު

އެއްގަމު އުޅަނދުގެ ފީއިން މިދިޔަ އަހަރު ދައުލަތައް ލިބުނު އާމްދަނީ 19 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެއްގަމު އުޅަނދުގެ ފީއިން ދައުލަތައް 62 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 52 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 19 ޕަސެންޓުގެ އިތުރުވުމެކެވެ.

މީގެ ތެރޭގައި ޓްރެފިކް ގަވައިދާ ހިލާފުވުމުން ސްޓިކާ ޖެހުމުން ދައްކަން ޖެހޭ ޖޫރިމަނާ ފީ އާއި ވެހިކަލްގެ އަހަރީ ފީ ވެސް ހިމެނެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކަނޑު އުޅަނދު ފަހަރުން ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު ލިބިފައިވަނީ ހަ މިލިއަން ރުފިޔާ އެވެ.