އާ ގައުމީ މަންހަޖުގެ ދަށުން މިދިޔަ އަހަރު ތައާރަފުކުރި ފޮތްތައް ރިވިއު ކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އާ ފޮތްތައް އަލުން ދިރާސާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާފައިވާ ކަމަށާއި ފޮތްތަކާ ގުޅިގެން ޓީޗަރުންގެ ހިޔާލު ހޯދަމުން އަންނަ ކަމަށެވެ. ޓީޗަރުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަށް ބެލުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި ފޮތްތަކުގެ ކޮންޓެންޓަށް ބަދަލު ގެންނާނެ ކަމަށެވެ.
އާ މަންހަޖުގެ ދަށުން ލިޔުނު ފޮތް ބަޔަކީ ގޮންޖެހުންތަކަށް ކުރިމަތިލާން ދަސްކޮށްދެވޭނެ ފަދަ ފުރިހަމަ ފޮތްތަކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުޑަ އިރުއްސުރެ އިސްލާމީ ރީތި އާދަ ތަކާއި ދީނީ ކަންކަން، ކުރީގެ ފޮތް ތަކުގައި ހުރި ވަރަށް ވުރެ ބޮޑަށް ކީސްޓޭޖް ދޭއްގެ ފޮތްތަކުގައި ވަނީ ހިމަނާފަ އެވެ.
"ސްކޫލްތަކުން ނުކުންނަ ކުދިންނަކީ އެންމެންނާ ބައިވެރިވެގެން އުޅެން އެނގޭ ކެރޭ ކުދިން ނަށް ވާން އެބަ ޖެހޭ. ދުނިޔޭގެ ހުރިހާ ތަނެއްގަ ކިޔަވައިދޭ ކުދިންނަށް ކިޔަވައިދެނީ ހުސް މައުލޫމާތެއް ނޫން. އޭގެ ބަދަލުގައި ކުދިން އަމިއްލައަށް މައުލޫމާތު ހޯދައިގެން ކަންކަން ދެނެގަތުން މުހިއްމު. އަޅުގަނޑުމެން މިހާރު ތައްޔާރުކޮށްފައިވާ ޓެކްސްޓް ފޮތްތަކަކީ އެ ވިސްނުމުގެ މައްޗަށް އެކުލަވާފައިވާ ފޮތްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.