ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަނީ

Sep 19, 2022

ނަފްސާނީ މައްސަލަތަކުގައި ފަރުވާ ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވަކި ސެންޓަރެއް ހަދަން ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށް އޮތް އޮކްޓޫބަރު 10 ވަނަ ދުވަހަށް ސެންޓަރު ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ސައިކޭޓްރިސްޓަކު ގެނެސް ހިދުމަތް ދޭން ފެށީ މިދިޔަ ޖުލައިގަ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި އާބާދުވާ މީހުންގެ އަދަދު މިދިޔަ އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް އަޅުގަނޑުމެން ފަރާތުން ކުރަންޖެހޭ ކަންކަން ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް -- އައިޖީއެމްއެޗްގައި 2019 ވަނަ އަހަރުން ފެށިގެން ދަނީ ނަފްސާނީ ބައްޔަށް ހާއްސަ ކްލިނިކެއް ހުޅުވާ ހިދުމަތް ދެމުންނެވެ. ނަމަވެސް އެތަނުގައި ތިއްބަވާ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވުމުން މިވަގުތު ހިދުމަތް ހޯދުމަށް ބޮޑު ކިޔުއެއް އެބައޮތެވެ.