ނަފްސާނީ ބަލި

ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތް ސެންޓަރު ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަކޮށްގެން ހަދާފައިވާ މެންޓަލް ހެލްތް ސެންޓަރު (އެމްއެޗްސީ) މިއަދު ހުޅުވައިފި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅުވައިގެން މިސެންޓަރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، ވީހާވެސް ގިނަ ބަޔަކަށް ނަފްސާނީ ބަލިތަކުގެ ފަރުވާ ފަސޭހަކަމާއި އެކު ހޯދުމަށް މަގުފަހި ކުރުމެވެ.

އެމްއެޗްސީގައި ބަލި މީހުން ބަލައި ދެ ކޮޓަރިއާއި، ފަރުވާދޭ ދެ ކޮޓަރިއާއި، ކޮންފަރެންސް ރޫމެއް ހުރެ އެވެ. މިސެންޓަރުގައި ތަޖުރިބާކާރު ސައިކޮލޮޖިސްޓުންނާއި ސައިކެޓްރިސްޓުން ފަރުވާދެއްވާއިރު ދުވާލެއްގެ މައްޗަށް 12 އާއި 15 އާއި ދެމެދުގެ އަދެއްގެ ބަލިމީހުނަށް ހިދުމަތް ދެވެ އެވެ. އަދި ތިރީހެއްހާ ބަލިމީހުންނަށް ސައިކެޓްރިސްޓުންގެ ފަރުވާ ކޮންމެ ދުވަހަކު ދެވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެ އެެވެ.

މިސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލި ހުންނަ މީހުންނަށް ބޭސްދީގެން ފަރުވާ ދިނުމާއި، ނަފްސާނީ އެސެސްމެންޓް ހެދުމާއި، ތެރަޕީ ދިނުން އަދި ކައުންސެލިން ދިނުން ހިމެނެ އެވެ. ކައުންސެލިންގެ ބައެއް ވައްތަރުތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ކައުންސެލިން ދިނުން، ގްރޫޕް އަދި އާއިލީ ތެރަޕީގެ އިތުރުން ސްކޫލުތަކާއި މަސައްކަތު މަހައުލުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިމެނެ އެވެ.

އެމްއެޗްސީގެ ހިދުމަތް ދެވެން ފެށުމުން، މިހާރު އައިޖީއެމްއެޗްގެ ސެންޓާ ފޯ މެޑިކަލް ހެލްތްގެ ވެއިޓިން ލިސްޓުގައި ތިބި ބަލިމީހުންނަށް ވެސް މިތަނުގެ ހިދުމަތް ހޯދުމަށް ފުރުސަތު ލިބި ވެއިޓްލިސްޓް އިތުރަށް ކުޑަކުރުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގައި 2019 ވަނަ އަހަރުން ފެށިގެން ދަނީ ނަފްސާނީ ބައްޔަށް ހާއްސަ ކްލިނިކެއް ހުޅުވާ ހިދުމަތް ދެމުންނެވެ. ނަމަވެސް އެތަނުގައި ތިއްބަވާ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވުމުން ދޭތެރެއަކުން ވެއިޓިންލިސްޓް ބޮޑުވެ އެވެ.