ކްރިމިނަލް ކޯޓް

ފަނޑިޔާރުން ދޫނިދޫއަށް ވަޑައިގެން ޝަރީއަތެއް ނުހިންގާނެ: ކްރިމިނަލް ކޯޓް

ފުލުހުންގެ ތަހުގީގު ޖަލު، ގާއިމްކޮށްފައިވާ ދޫނިދޫއަށް ފަނޑިޔާރުން ގެންގޮސްގެން ޝަރީއަތް ހިންގުމަކީ އެއް ވެސް އިރަކު ކްރިމިނަލް ކޯޓުން ރާވާފައި އޮތް ކަމެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ. ކްރިމިނަލް ކޯޓުން މިހެން ބުނެފައިމިވަނީ އިއްޔެ މީޑިއާގައި ދޫނިދޫއަށް ފަނޑިޔާރުން ގެންގޮސްގެން ޝަރީއަތް ކުރިއަށް ގެންދާ ކަމަށް ފެތުރުނު ހަބަރާ ގުޅިގެނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ، އެއްވެސް އިރެއްގައި ފަނޑިޔާރުން ދޫނިދޫއަށް ގެންގޮސްގެން ޝަރީއަތް ހިންގުމަކީ އެ ކޯޓުން ރާވާފައި ކަމެއް ނޫން ކަމަށާއި ނަމަވެސް ކޯޓެއް ނެތް ސަރަހައްދުތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލެވޭފަދަ މަޖިލިސްތަކެއް ހެދުމަކީ އެ ކޯޓުން ނިންމާފައިވާ ކަމެއް ކަމަށެވެ. އެފަދަ މަޖިލީހެއް މިހާރުވެސް މާފުށީގައި ގާއިމުކޮށްފައިވާ ކަމަށެވެ.

މަނިކު ވިދާޅުވީ، ކްރިމިނަލް ކޯޓާ ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލައިގެން ޝަރީއަތްތައް ހިންގުމަށް ދޫނިދޫގައި ވެސް މަޖިލީހެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަޖިލިސްތަކަށް ފަނޑިޔާރުން ވަޑައި ނުގަންނަވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، ހޯމް މިނިސްޓްރީ އިން އެދިފައިވާ ގޮތުގެ މަތިން، ކްރިމިނަލް ކޯޓްގެ ޝަރީއަތްތައް ކުރެވޭނެ ކޯޓް ރޫމެއް ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އަދި އެތަން ހަނދަނީ ކްރިމިނަލް ކޯޓުން ބޭނުންވާ ގޮތަށް މިހާރު ހުރި އިމާރާތެއްގެ އެތެރެއަށް ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް ވިދާޅުވި އެވެ. އެ އޮފިޝަލު ވިދާޅުވީ އެތަން ހަދަނީ ކުށްވެރިން މާލެއަށް ގެންގޮސްގެން ޝަރީއަތްތައް ކުރުމަކީ ސަލާމަތީ ގޮތުން ރައްކާތެރި ކަމަކަށް ނުވާތީ އެކަމަށް ހުރި ހުރަސްތައް ނައްތާލަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުށްވެރިން މާލެ ގެންގޮސްގެން ޝަރީއަތްތައް ކުރިއަށް ގެންދަން ކުރަން ޖެހޭ ހަރަދު ކުޑަކުރެވޭނެތީ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ފަދަ ކޮޓަރިއެއް ދޫނިދޫގައި މިހާރު ވެސް ހަދާފައިވެ އެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެގޮތަށް ޝަރީއަތް ކުރިއަކަށް ނުގެންދެވެ އެވެ. އެހެންވެ ޕީޖީގެ އެދުމުގެ މަތިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އެންމެ ފަހުން ޝަރީއަތަށް ވަނީ މާލެ ގެނެސްފަ އެވެ.