ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓްތަކަށް 1،413 މީހުން ކުރިމަތިލައިފި

ހުޅުމާލޭގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި 1،413 މީހުން ކުރިމަތިލައިފި އެވެ.

ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ޝަރުތު ހަމަވެފައިވާކަން ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީންނެވެ.

ވިނަރެސް ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވިނަރެސް ފުލެޓްތައް އާންމުންނާއި ހަވާލުކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ވިނަރެސް ފުލެޓުގެ ޕްރޮސެސް ކުރިޔަށްދާނެ ގޮތަކީ ކޮބާ؟

ވިނަރެސް ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ޕްލޭނިން މިނިސްޓްރީގެ ޓީމަކުން ބެލުމަށްފަހު ލިބޭ މާކްސް، އެ ލިބޭ ތަރުތީބަކުން ލިސްޓް ކުރާނެ އެވެ. ފްލެޓް ލިބޭ މީހުންނަށް ފްލެޓް ހިޔާރުކުރުމަށް އެޗްޑީސީން ފުރުސަތު ދޭނީ އެ ތަރުތީބުންނެވެ. އޭގެފަހުން ފްލެޓް ލިބޭ މީހުންގެ މާލީ ގާބިލްކަން ވަޒަންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރާނެ އެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައި މަޑުކުރުމަށް ފުރުސަތު ދޭނެ އެވެ.

ވިނަރެސް ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގައި ވެސް ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގެ ފްލެޓްތައް ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ގޮތުގައި ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. މި ސަރަހައްދުގައި އެއް ކޮންވީނިއެންސް ސްޓޯ، ފަސް މީޓް/ފިޝް ޝޮޕް، ފަސް ރީޓެއިލް ފިހާރަ، އެއް ޓެއިލާ ޝޮޕް، ދެ ފާމަސީ އަދި އެއް ކްލިނިކް އެޅުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކޮމާޝަލް ޔުނިޓްތައް މި ސަރަހައްދުގައި އެޅުމަށްވެސް އެޗްޑީސީން ނިންމާފައިވެ އެވެ.

ވިނަރެސް އަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއު އަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހިނގަމުންދާ މަޝްރޫއެކެވެ. ވިނަރެސް ފްލެޓް މަޝްރޫއުގައި ޖުމްލަ 1،344 އެޕާޓްމަންޓް ހުންނަ ގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެ އެވެ. މިތަނުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެ އެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހަނާ އަދި ބެލްކަނީ ހިމެނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގަ އެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.