ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް ހަމައެކަނި މާލޭ މީހުންނަށް ވިއްކަނީ

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތައް ވަކި ކެޓަގަރީއަކަށް ހާއްސަ ކުރަން ނިންމައިފި އެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަވަސްއަށް ވިދާާޅުވީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް ވިއްކުމަށްފަހު ދެން އެ ފްލެޓްތައް ވިއްކާނީ މާލޭގެ ރައްޔިތުންނަށް ކަމަށެވެ.

މަަލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް ވެސް އެ ފްލެޓްތައް ވިއްކާނެޗކަމަށް އަކުރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވިނަރެސް ފްލެޓްތައް މާލޭގެ ރައްޔިތުންނަށް ހާއްސަޗކުރަން ނިންމީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރު ކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

"މިހާރު ވެސް އަމިއްލަ ފަރާތްތަކުން ވެސް ބައިވަރު ފްލެޓްތައް އެބަ ވިއްކަ ދޮއްތޯ. ދެން މިހާރުވެސް ރަށްރަށުގައި އަޅާ ފްލެޓްތައް ހާއްސަކުރަނީ ހަމަ ރަށްރަށުގެ ރައްޔިތުންނަށް ދެއްތޯ." އަކްރަމް ވިދާޅުވި އެވެ.

އެޗްޑީސީން މިދިޔަ އޮކްޓޫބަރު މަހު ބުނިގޮތުގައި ވިނަރެސް ފްލެޓްތައް ނިމޭނީ އަންނަ އަހަރު ޖުލައި މަހު އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ ތަނެއްގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގަ އެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން މި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.