ރައްޔިތުންގެ މަޖިލިސް

ފުލުހުންނަށް ހަމަލާ ދިން މައްސަލަ މަޖިލީހަށް

Sep 20, 2022

މާލޭގެ ގޭންގަކުން މިމަހުގެ ނުވަވަނަ ދުވަހު ތިން ފުލުހަކަށް ހަމަލާ ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފި އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މައްސަލަ ހުށަހަޅުއްވަމުން އަބްދުﷲ ޖާބިރު ވިދާޅުވި މިއީ ސީރިއަސްކޮށް ބަލައި ދިރާސާކޮށް ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޒާރުދީ އަނިޔާކުރާ ބަޔަކު އުޅުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

"އެފަދަ ޖަމާއަތްތައް އުފެދިގެން އައީ ކިހިނެތްތޯ ބަލަން ޖެހޭ. ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލައި އެ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭނަމަ ގޭންގް ހަރަކާތްތައް ނުހުއްޓުވޭނެ،" ކުރިން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކުވެސް ބޭނުންވަނީ ބާރު ކަމަށާއި ބާރު ހޯދުމަށް ދީނުގައި ނެތް ކަންކަން ދީނުގައި ހުރި ކަންކަމަށް ހަދައިގެން ވާހަކަ ދައްކާ ބަޔަކު އުޅޭ ކަމަށެވެ.

އަފީފް އިތުރަށް ވިދާޅުވި އެއް ބަޔަކު ބާރު ހޯދަނީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ބިރު ދައްކައިގެން ކަމަށާއި އަނެއް ބަޔަކު ބާރު ހޯދަނީ އެމީހުން ސަލާމަތްކޮށްގެން ކަމަށެވެ. ހިތްރުހޭ މީހާ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި މަޖިލީހުގައިވެސް ފާހަގަކުރާ ކަމަށާއި ނުރުހޭ މީހަކަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ކަމަށްވެސް އަފީފް ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ގޭންގްތަކުގައި އުޅޭ ފަރާތްތަކަކީ ވެސް ދުނިޔެއަށް އަންނައިރު މައުސޫމް ކުދިން ކަމަށެވެ. އެ ކުދިން ކުށުގެ ވެއްޓަށް ވައްދަނީ ބަޔަކު ރާވައިގެން ކަމަށާއި އެފަދަ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ގޭންގް ތަކުގައި ހަރަކާތްތެރިވާ ކުދިން މަގުން ކައްސާލައިގެން ދަނީ މައިންބަފައިންގެ ލޯބި ނުލިބުމުން ނުވަތަ އިޖުތިމާއީ މައްސަލައެއްގެ ސަބަބުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަން ދިމާވަނީ މުޖުތަމައުގެ ތެރެއިން ޒިންމާ އުފުލަންޖެހޭ ބަޔަކު ޒިންމާ ނުއުފުލައިގެން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރާއްޖޭގައި ގޭންގްތައް މި ހަރަކާތްތެރިވާ ގޮތަށް ބަލާއިރު، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެވެސް އެބަ ގަބޫލުކުރޭ ބަޔަކު އެކްޓިވޭޓް ކުރުވީމަ، ބަޔަކު ހިންގީމަ ހިނގާ ބައެއް ގޭންގް ހަރަކާތްތަކަކީ" ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެނާ އިތުރަށް ވިދާޅުވީ މާޔޫސްކަމެއް ލިބިފައިވާ ޒުވާނަކީ ގޭންގަކަށް ވަންނަންޖެހޭ ޒުވާނެއް ނޫން ކަމަށެވެ. ރާއްޖޭގައި ކަންކަން މިހާ ހިސާބަށް ދިޔައީ ގާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށްވެސް މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.