އަބްދުﷲ ޖާބިރު

ޖިންސީ ގޯނާގެ އަދަބަކީ މަރު ކަމަށް ކަނޑައަޅަން އެދިއްޖެ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ފަށައި ދިނުމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.

ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެދި ޖާބިރު ހުށަހަޅުއްވާފައި މިވަނީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައާއެކު ގައުމުގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ. އެ މައްސަލާގައި ކާފަ އާއި މުނިކާފަގެ އިތުރުން އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކުދަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް ގާނޫނުގައި މިހާރު ބަޔާން ކޮށްފައިވާ އަދަބަކީ ޖަލަށް ލުން ކަމަށް ވީއިރު، އެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް އޮންނަ އަދަބެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ޖަލަށް ހުކުމް ކުރާ މީހުންގެ ތެރެއިން އެއިރެއްގައި އޮންނަ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް މައާފުދީ ދޫކޮށްލަމުން ވެސް ގެންދާ ކަމަށާއި ބައެއް މީހުންގެ ޝަރީއަތްތައް ދިގުދެމިގެން ދިއުމުގެ ސަބަބުން ވެސް އެފަދަ އަމަލު ހިންގާފައިވާ ގިނަ އަދަދެއްގެ މީހުން މުޖުތަމައަށް ދޫކޮށްލާފައިވާ ކަމަށެވެ.

"ކުށް ސާބިތުވާ ފަރާތްތަކަށް މައާދު ދީ ދޫކޮށްލުމުގެ ފުރުސަތު ކޮންމެ ސަރުކާރަކަށް ވެސް ލިބިފައި އެ އޮންނަނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ ފަރާތްތަކާ މެދު އަމަލު ކުރުމަށް މާތް ވެގެންވާ އިސްލާމް ދީނުގައި އަންގާފައި އޮންނަ ގޮތާ ހިލާފަށް ޖަލު ލުމަށް ހުކުމް ކުރަމުން ގެންދާތީ އެވެ." ޖާބިރު ފޮނުއްވި ސިޓީގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ މައްސަލަތައް ތަކުރާރުވަމުން އައިސްދާނެ ކަން ގަބޫލު ކުރަން ޖެހިފައިވާ ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުމަށްޓަކައި މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް މަޖިލީހުން ފަށަން ޖެހޭ ކަމަށް ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުގައި މި ކަންކަން ހުއްޓެވެން އޮތީ ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަން ޖައްސައި މެރުން" ކަމަށް ނިންމައި އެ ގޮތަށް ގާނޫނުތައް ބަދަލު ގެނެސްގެންނެވެ. އެ ގޮތަށް ގާނޫނު ބަދަލު ކުރަން މަޖިލީހުގެ މެންބަރުންގެ ކިބައިން ޖާބިރު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގެ ޖަލްސާއެއް މި ހިނދުން މި ހިނދަށް ބާއްވާ ދިނުމަށް މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވެފައިވެ އެވެ.

މަޖިލިސް މިހާރު ޗުއްޓީއަށް ގޮސްފައިވާއިރު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މަޖިލީހުގައި ބޭއްވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މެންބަރުންގެ އަދަދަށް އެ ގޮތަށް އެދި ހުށަހެޅުމުންނެވެ. މިހާރު މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އެއީ 29 މެންބަރުންނެވެ.

ސިޔާސީ ޕާޓީއެއްގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު އެ އަދަދަށް ތިއްބަވާނީ އެމްޑީޕީގައި އެކަންޏެވެ. މަޖިލީހުގައި އެހެން ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުން އެކުވެގެން ވެސް ހަމަވަނީ 22 މެންބަރުންނެވެ.