ބޯހިމެނުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ބަލައިގަނެ އެމަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންމެ ރައްޔިތަކުވެސް އެބާރުލުންދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.
ފައިސަލް މިކަމަށް އެދިވަޑައިގަތީ ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022"ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތުތަކަކީ ރާއްޖެ ތަރައްގީކުރާއިރު ބޭނުންހިފޭނެ މުހިއްމު މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތު އެއްކޮށްގެން ރާއްޖޭގެ ދުރު މުސްތަގުބަލަށް ގިނަ ކަންތައްތަކެއް ރޭވުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ. ނައިބް ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްވެސް މުހިއްމު މައުލޫމާތުތަކެއް ބޯހިމެނުމުގެ ތެރެއިން ލިބިގެންދާނެކަމުގައި ވިދާޅުވެފަ އެވެ.
ނައިބް ރައީސްގެ ވާހަަކަފުޅުގައި ވަނީ ބޯހިމެނުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.
ފައިސަލް ވާހަކަފުޅުގައި ވަނީ ތައުލީމު ހާސިލްކުރުމުން ލިބޭ މައުލޫމާތާއި އެއްވަރަށް އަމަލީ ތަޖުރިބާ ލިބުމުގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ. ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގެ ގޮތުގައި ގިނައިން މަސައްކަތްކުރަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖުރިބާއަކީ ޒުވާނުންގެ މުސްތަގުބަލަށް ލިބޭ މުހިންމު ތަޖުރިބާއަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިޒިޔާރަތުގައި ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރާ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވާ ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ވެސް ނައިބް ރައީސް ވަނީ އޮޅުންފިލުއްވާފަ އެވެ. އަދި އެދުވަހެއްގެ އަމާޒަށް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ކަންވެސް ފާހަގަކުރައްވާފައިވެ އެވެ. އެކަމުން ދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދޭ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.