އީޕީއޭ

އީއައިއޭ ހުށަހަޅަންޖެހޭ ގޮތުގެ ގަވައިދަށް އިސްލާހެއް

ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހުހަޅާއިރު ގިނަ ރަށްތަކަކަށް އެއް ގޮތަކަށް އޮންނަ ރިޕޯޓެއް ހުށަހަޅާކަން ފާހަގަކުރެވޭތީ އެ މައްސަލައާއި ގުޅިގެން އީޕީއޭ އިން އީއައިއޭ ހުށަހެޅުމުގެ ގަވައިދަށް ބަދަލުތަކެއް ގެނެސްފި އެވެ.

ގަވައިދަށް ބަދަލު ގެނައުމަށް ނިންމާ، އީޕީއޭ އިން ކުރި އިއުލާނުގައި އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް ހުއްދައެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުއްދައަށް އެދި ހުށަހަޅާތީ އެގޮތަށް އެކަން ނުކުރުމަށް ވަނީ އެދިފަ އެވެ.

އީޕީއޭ އިން ގަވައިދަށް ގެނައި އިސްލާހަށް މިދިޔަ އޮގަސްޓް މަހުން ފެށިގެން އަމަލުކުރަމުންދާ ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.

އިއުލާންގައި ބުނެފައިވަނީ ރަށްތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހުށަހަޅާ ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކަކީ އެއް ރިޕޯޓެއް ނަމަ އެ ހުށަހެޅުންތައް އީޕީއޭ އިން ބާތިލްކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ މަޝްރޫއެއްގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަނަމަ އަދި އެއް ހުއްދައެއްގެ ދަށުން އެފަދަ މަޝްރޫއުތައް އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތަކަށް ވާނަމަ، އެއް ހުއްދައެއްގެ ދަށުން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅިދާނެ ކަމަށްވެސް އިއުލާންގައިވެ އެެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ތިމާވެއްޓަށާއި އެ ރަށެއް ނުވަތަ ތަނެއްގެ ރަށްވެހިންނަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން އީއައިއޭ ހުށަހަޅަންޖެހޭއިރު ރަގަޅަށް ދިރާސާކޮށް މިފަދަ ރިޕޯޓުތައް ހުށަހެޅުމަކީ ތިމާވެއްޓަށް އެންމެ ރާއްކާތެރި ގޮތް ކަމަށްވެސް އީޕީއޭ އިން ދެކެ އެވެ.