މިއީ ވަރަށް އަޖައިބެއް ކަހަލަ ހަގީގީ ހާދިސާ އެކެވެ.
މި ހާދިސާގެ ޑޮކިއުމެންޓްރީއެއް ދާދިފަހުން ޔޫކޭގެ ޓީވީ ޗެނަލަކުން ދައްކާފައި ވެއެވެ. ޑޮކްޓަރީ ގޮތުން ބަލާއިރު މިއީ ހަމަ މުއުޖިޒާތެއް ފަދަ ހާދިސާ އެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
މިއީ 75 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މޮރޮކޯ އަންހެނެއްގެ ވާހަކަ އެވެ. ބަލިވެ އިންތާ 46 އަހަރު ފަހުން އޭނާ ހިލަ ކުއްޖެއް (ސްޓޯން ބޭބީ)އެއް ވަނީ ވިހާފަ އެވެ. އެއީ ވިހެއުމުގެ 46 އަހަރު ކުރިން އޭނާގެ ބަނޑުގައި ގަރުބަގަނެފައިވާ ކުއްޖެކެވެ. މި އަންހެން މީހާ ވަނީ ބައި ގަރުނާ ކައިރި ކުރާހާ ދުވަސްތަކެއް މި ކުއްޖާ އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފަ އެވެ.
ޒަހުރާ އަބޫތޯލިބުގެ ވާހަކަ ގެނެސްދިނީ ޔޫކޭ ޑޮކިއުމެންޓްރީ (އެކްސްޓްރާއޯޑިނަރީ ޕީޕަލް) ގައެވެ.
މި ޑޮކިއުމެންޓްރީގެ ކޮންމެ އެޕިސޯޑެއްގައި ވެސް ދައްކަނީ މަދުން ނޫނީ ދިމާނުވާ އާދަޔާޚިލާފު ބަލިތައް ހުންނަ މީހުންގެ އަޖައިބު ދިރިއުޅުމުގެ ވާހަކަ ތަކެވެ.
ޒަހްރާގެ މި ހައިރާންކުރުވަނިވި ވާހަކަ ދުނިޔެއަށް ހާމަވީ 2001 ވަނަ އަހަރު އެވެ. މޮރޮކޯގެ ރަބާތުގައި ދިރިއުޅޭ ޒަހްރާއަށް އުމުރުން އޭރު 75 އަހަރެވެ. ކުއްލިއަކަށް އެއް ދުވަހަކު އޭނާގެ ބަނޑުގައި އާދަޔާޚިލާފަށް ރިއްސަން ފެށީ އެވެ.
ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ބަނޑުވެސް ހުރީ އާދަޔާޚިލާފަށް ބޮޑަށް ފުއްޕާފަ އެވެ. ޑޮކްޓަރުން ހީކުރީ އޭނާގެ އޯވަރީގައި ބޮޑު ޓިއުމަރެއް އިނީ ކަމަށެވެ. ނަމަވެސް ސްކޭނުން ދެއްކީ ކޯޗެއްކަން ނޭނގޭ ބޮޑު އެއްޗެއް އޭނާގެ ބަނޑުގައި އިން ކަމަށެވެ.
އެހެންވެ މީ ކޯޗެއްތޯ ދެނެގަތުމަށް ޒަހްރާގެ ބަނޑުގެ އިތުރު ސްކޭންތަކެއް ހެދި އެވެ. އަދި މި ސްކޭންތައް ބަލާފައި ޑޮކްޓަރުންނަށް ބޮޑު ޝޮކެއް ލިބުނެވެ. ޒަހްރާގެ ބަނޑުގައި ކުއްޖެއް އިންދާ ފެނުނީމަ އެވެ. އެންމެ ބޮޑަށް ހައިރާންވީ މި ކުއްޖާއަކީ މީގެ 46 އަހަރު ކުރިން ޒަހްރާގެ ބަނޑުގައި ގަރުބަގަނެފައިވާ ކުއްޖެއްކަން އެނގުނީމަ އެވެ.
އެއީ 1955 ވަނަ އަހަރެވެ. އޭރު ޒަހްރާއަށް 26 އަހަރުގެ ޒުވާން އަންހެނެކެވެ. އަލަތު ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ގެވެހި އަންބެކެވެ.
ޒަހްރާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން ވަރަށް އުފާވި އެވެ. ބަލިވެ އިނީއްސުރެ ބަނޑަށް ތަދުވެ ލޭ އައުން ފަދަ މައްސަލަތައް ޒަހުރާ އަށް ދިމާވަމުން ދިޔަ ނަމަވެސް ދަރިއަކު ލިބޭތީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން އެ ހުރިހާ ކަމެއް ތަހައްމަލުކުރަމުން ޒަހްރާ ގެންދިޔަ އެވެ.
ޒަހްރާގެ ބަނޑަށް ދުވަސްފުރި ވިހެއުމުގެ ވޭންވަރު އަންނަން ފެށި އެވެ. އެގޮތަށް 48 ގަޑިއިރު ރިހުނުއިރުވެސް އޭނާއެއް ނުވިހެއެވެ. ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކޮށްގެން ކުއްޖާ ނުނަގައިފިނަމަ ބަނޑު ތެރެއަށް ކުއްޖާ މަރުވެދާނެ ކަމަށެވެ.
ހޮސްޕިޓަލުގެ އެނދުގައި އޮށޯވެލައިގެން އޮއްވާ ޒަހްރާއަށް އަންހެނަކު ވަރަށް ބާރަށް ރޮއި ހަޅޭއްލަވާ އަޑު އިވުނެވެ. އަދި ސިޒޭރިއަން ހަދަނިކޮށް އޮޕަރޭޝަންކުރާ މޭޒު މަތީގައި އޮއްވާ އެ އަންހެން މީހާ މަރުވެއްޖެކަން ޒަހްރާ އަށް އެނގުނެވެ. ޒަހްރާ ސާޖަރީ ހަދަން ގަންނާކުރި ބިރުން ހޮސްޕިޓަލުން ފިލީ އެވެ. ފިލައިގެން އޭނާ ދިޔައީ ކަސަބްލަންކާގެ ބޭރުގައި އޮންނަ އޭނާގެ އަމިއްލަ އަވަށަށެވެ.
"އަހަރެން މަރުވަންޏާ ގޭގައި އޮވެ މަރުވިއްޔާ މާހިތްހަމަޖެހޭނޭ އަހަރެން އެ ދުވަހު ހިތަށް އެރި،" އޭގެ 46 އަހަރު ފަހުން ޒަހްރާ މި ޑޮކިއުމެންޓްރީގައި ކިޔައިދީފައިވެ އެވެ.
ކަންދިމާކުރި ގޮތުން ދުވަސްކޮޅަކު ޒަހްރާގެ ބަނޑުގައި ރިހިފައި ކުއްލިއަކަށް ރިހުން ދިޔައީ އެވެ.
މޮރޮކޯގެ އިހުޒަމާނުގެ މީހުން ކިޔައި އުޅޭ ގޮތުގައި މާބަނޑު މީހާގެ ބަނޑުގައި އޮންނަ ތުއްތު ކުއްޖާ ބައެއް ފަހަރަށް އޭނަގެ މަންމަގެ ބަނޑުގައި އޮވެ ނިދަ އެވެ. އޭނާގެ މަންމަގެ ރައްކާތެރި ކަމަށެވެ.
ޒަހްރާއަށް ވެސް މިވާހަކަ އިވިފައި އޮތީމަ އޭނަ ހީކުރީ އޭނާގެ ދަރިފުޅު ވެސް ބަނޑުގައި އޮވެ ނިދީ ކަމަށެވެ. އޭނާ ގަބޫލުކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން އޭނާގެ 'ނިދާފައި އޮތް ދަރިފުޅު' ހޭލާނެ ކަމަށެވެ.
"އަހަރެންނަށް އަބަދުވެސް ދަރިފުޅުގެ އިހްސާސްތައް ބަނޑުތެރޭން ކުރެވޭ. އެހެންވެ އަހަރެން ހިތަށް އެރީ ދަރިފުޅު ނިދާފައި އޮތިއްޔާ ހޭލަންދެން ބާއްވާނިއްޔޭ،" ޒަހްރާ ބުންޏެވެ.
ބަލިވެ އިނުމުން އެ ލިބުނު ވޭންތައް ހަނދާން ނައްތާލުމަށް ޒަހްރާ ފަހުން ތިން ކުދިން އެޑޮޕްޓްކުރީ އެވެ. އަދި އެ ތިން ކުދިން ކުޑައިރުއްސުރެ ބަލާ ބޮޑުކޮށް އެ ކުދިން ބޮޑުވެގެން މީހުނާ ކައިވެނިކޮށްގެން އެކި ތަންތަނަށް ވަނީ ގޮއްސަ އެވެ.
އޭގެ 46 އަހަރު ފަހުން ޒަހްރާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފެށީ ހަމަ ކުއްލިއަކަށެވެ. އޭނާ އެޑޮޕްޓްކޮށްގެން ބެލި ކުދިންގެ ތެރެއިން ފިރިހެން ކުއްޖަކު އެކަމާ ވަރަށް ހާސްވި އެވެ. މަންމަގެ ސިއްހަތު ދުވަހެއް ދުވަހަށް ގޯސްވާތީ އޭނާ އެންމެ ފަހުން މަންމަ ގޮވައިގެން ކަސަބަލަންކާގެ ވަރަށް ގިނަ ޑޮކްޓަރުން ކައިރިއަށް ދިޔަ އެވެ. ނަމަވެސް ޒަހްރާއަށް ވެގެން އުޅޭ ގޮތެއް ނޭނގި ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ބޮޑުވަމުން ދިޔަ އެވެ.
"ވަރަށް ގިނަ ހޮސްޕިޓަލްތަކަށް މަންމަ ގޮވައިގެން ދިޔައިން. އެންމެ ފަހުން ރަބާތުގައި މާމޮޅު ޑޮކްޓަރުން ތިބޭ ވާހަކަ އަޑުއިވިގެން އެ ރަށަށް ގޮސް މަންމަ ދެއްކީ،" ޒަހުރާ އެޑޮޕްޓްކުރި އެ ފިރިހެން ދަރި، ބައުޗަލިބު އަބޫތޯލިބު ބުންޏެވެ.
ޒަހްރާ ހުރި އަވަށުން ރަބާތަށް ދެވުނީ ހަތަރު ގަޑި އިރުންނެވެ. މި ހަތަރުގަޑީއިރު ވެސް ޒަހްރާއަށް ކެތް ކުރެވުނީ ހަމަ ކިރިޔާ އެވެ.
ޑޮކްޓަރުން ވަގުތުން ޒަހްރާގެ އަލްޓްރާސައުންޑް ހެދުމުން 'ނިދާފައި އޮތް ބޭބީ' ފެނުނީ އެވެ. މި ބޭބީ އަކީ އެކްޓޯޕިކް ޕްރެގްނަންސީ އަކުން ގަރުބަގަނެފައި އިން ކުއްޖެކެވެ. މާނައަކީ ކުއްޖާ ގަރުބަގަނެފައި އިނީ "އައުޓް އޮފް ޕްލޭސް" ނުވަތަ މައިމީހާގެ ރަހިމު ނޫން އެހެން ތަނެއްގަ އެވެ.
އާދައިގެ ގޮތަކަށް ބަލިވެ އިންނައިރު ފާޓިލައިޒް ވެފައި އިންނަ ބިސް ފެލޯޕިއަން ޓިއުބު ތެރެއިން ދަތުރުކޮށްފައި ގޮސް ރަހިމުގައި ހަމަޖެހިލާނެ އެވެ. އެތަނުން އެ ބިހަށް ބޭނުންވާ ނިއުޓްރިއަންޓްސް އާއި ހެދިބޮޑުވާނެ ޖާގަ ލިބޭނެ އެވެ. ސިއްހަތު ރަނގަޅު ކުއްޖަކު އުފެދެނީ ރަހިމުގައި އިނދެގެންނެވެ.
ނަމަވެސް އެކްޓޯޕިކް ޕްރެގްނަންސީގައި ފެލޯޕިއަން ޓިއުބުގައި ބިސް ހަރުލާފައި އިންނަނީ އެވެ. ޒަހްރާ އަށް ދިމާވި ގޮތަކީ އިންތިހާއަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މި ހާލަތުގައި ބިސް ވަކި ވަރަކަށް ބޮޑުވުމުން ފެލޯޕިއަން ޓިއުބު ފަޅާލާފައި ނުކުމެގެން ގޮސް އަންހެން މީހާގެ އެބްޑޯމިނަލް ކެވިޓީ ތެރޭގައި ހަރުލައިގެން އިނދެ ބޮޑުވީ އެވެ.
މި ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުގައި މިގޮތަށް އެބްޑޯމިނަލް ކެވިޓީގައި އިނދެ ބޮޑުވާ ކުދިން މާގިނަ ދުވަހެއް ނުވެ މަރުވެ އެވެ. ހޮސްޕިޓަލެއް ނޫން ތަނެއްގައި މައިމީހާ އޮތްނަމަ މިފަދަ ގޮތަކަށް ބަލިވެ އިނުމުން ކުއްޖާ މަރުނުވެ އޮންނަނީ ގިނަވެގެން ތިން މަސް ދުވަހު އެވެ.
ނަމަވެސް ޒަހްރާގެ ދަރިފުޅު ދުވަސް ފުރެންދެން މަރުނުވެ އޮތެވެ. އެ ކުއްޖާ މަރުނުވެ އޮތީ އޭނާގެ ޕްލެސެންޓާ (މަސް) ޒަހްރާގެ އެތެރެހަށީގެ މުހިއްމު ގުނަވަންތަކާއި ގުޅިފައި އިނީމަ އެވެ.
ބަލިވެ އިނދެ ދުވަސް ފުރުމުން އާދައިގެ ގޮތަކަށް ބަލިވެ އިނދެ ވިހަން ބަނޑުގައި ރިއްސާ ގޮތަށް ޒަހްރާގެ ބަނޑުގައި ވެސް ރިހެން ފެށި އެވެ. ނަމަވެސް އެއީ ޒަހްރާ ވިހަން ބަނޑުގައި ރިހުނު ރިހުމެއް ނޫނެވެ. ކުއްޖާއަށް އޮކްސިޖަން ލިބުން މަދުވެ ހާލު ދެރަވާން ފެށުމުން ޒަހްރާއަށް ކުރެވުނު ތަޖުރިބާ ތަކެކެވެ.
ޒަހްރާ ހީކުރީ ވިހަން ބަނޑުގައި ރިހެނީ ކަމަށެވެ. އަދި ވިހާނެ ކަމަށް އޭނާ ތައްޔާރުވެސް ވިއެވެ. ހަގީގަތުގައި ޒަހްރާގެ ސާވިކްސް އިން ލާފައި އެ ކުއްޖާއަށް ބޭރަށް އާދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ އެ ކުއްޖާ އިނީ ރަހިމުގައި ނޫން ވީމަ އެވެ.
އެންމެ ފަހުން ކުއްޖާ ބަނޑުތެރެއަށް މަރުވީ އެވެ. ބަނޑު ތެރޭގައި ފަނާވެ ހަލާކުވެގެން ދާވަރަށް ވުރެ ކުއްޖާ ބޮޑެވެ. އެހެންވީމާ ޒަހްރާގެ ހަށިގަނޑުން އޭނާގެ ދިފާއުގައި މަސައްކަތްތަކެއް ކުރި އެވެ. އަދި މި ކުރި މަސައްކަތުން ކުއްޖާގެ ބޭރުން ކެލްސިއަމް ސަބްސްޓެންސް ފަށަލައެއް ލެވުނެވެ. ކުއްޖާގެ ހަށިގަނޑުގައިވާ މަރުވެފައިވާ ޓިޝޫތަކުން މައިމީހާއަށް ދިމާވެދާނެ އިންފެކްޝަނަކުން ސަލާމަތްވީ އެހެންވެ އެވެ.
ޒަހްރާ ވިހަން އޮތީ 1955 ވަނަ އަހަރު އެވެ. އޭރު މިގޮތަށް އެބްޑޯމިނަލް ކެވިޓީގައި އުފެދިފައިވާ ކުއްޖެއް އޮޕަރޭޝަން ކޮށްގެން ނެގޭވަރަށް މެޑިކަލް ވަސީލަތްތައް ތަރައްގީއެއް ނުވެ އެވެ. މި ކުއްޖާ ނަގަން ހަދަން ޖެހޭ ސާޖަރީއަކީ ވަރަށް ރިސްކްބޮޑު އެހާމެ އުނދަގޫ ސާޖަރީ އެކެވެ.
ޒަހްރާ އެ ދުވަހު ބިރުން ގޮސް ހޮސްޕިޓަލުން ފިލައިގެން ދިއުން ވީ އޭނާގެ ފުރާނަ ސަލާމަތްވުމަށް ދިމާވި ކަމަކަށެވެ. ނޫންނަމަ މީގެ 46 އަހަރު ކުރިން އޭނާ ދުނިޔެއަށް އަލްވަދާއު ކިއުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އޭނާގެ ރަހިމުގައި ކުއްޖާ ނެތުމާއި ވައިޓަލް އޯގަންތަކާއި ބަނޑުގެ ނާރުތަކާ ގުޅިފައިވާ ޕްލެސެންޓާ ނައްޓައިގެން ބަނޑުގެ ސާޖަރީ ހެދުމަކީ އެ ޒަމާނަށް ބަލާއިރު އެއްވެސް ޑޮކްޓަރަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ.
މިއީ 2001 ވަނަ އަހަރާ ހަމައަށް ވެސް ކުރަން އުނދަގޫވެފައި އޮތް ސާޖަރީ އެކެވެ. ސަބަބަކީ މިގޮތަށް ޕްލެސެންޓާ ނައްޓައި އަދި ހަރުވެ ހިލަޔަށް ވެފައިވާ ކުއްޖާ ނެގުމަށް ސާޖަރީ ހެދުމުގެ ތެރޭގައި ލޭ މަނާ ނުވެ މަރުވުމުގެ ފުރުސަތު އެ ދުވަސްވަރުވެސް އިންތިހާއަށް ބޮޑުވުމުންނެވެ.
ތުއްތު ކުއްޖާ އިނީ ޒަހްރާގެ ބްލެޑާ އާއި ބަނޑާއި، އެބްޑޯމިނަލް ވޯލް އާއި ނާރުތަކާއި ރަނގަޅަށް ގުޅިލާމެހިފަ އެވެ.
އޮޕަރޭޝަންކުރަން ގެންގުޅޭ އެންމެ ސްކެޕެލްއެއް ކުޑަކުޑަކޮށް ޖެހިލިނަމަވެސް އެތެރެހަށީގެ ގުނަވަނެއް ފަޅައިގެންގޮސް ޒަހްރާގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ދެހާސް އެއްވަނަ އަހަރު ޒަހްރާގެ ބަނޑުން "ސްޓޯން ބޭބީ" ނެގީ ޑޮކްޓަރުން ހަތަރު ގަޑިއިރު ވަރަށް ފަރުވާތެރިކަމާއެކު ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ބޭބީގެ ބަރުދަނުގައި ހަތް ޕައުންޑް ދިގުމިނުގައި 42 ސެންޓިމީޓަރު ހުއްޓެވެ.
މި ޑޮކިއުމެންޓްރީ ތައްޔާރުކުރިއިރު މުޅި މެޑިކަލް ހިސްޓްރީގައި ވެސް ރެކޯޑް ކުރެވިފައިވަނީ ލައިތޯޕީޑިއަން ނުވަތަ ސްޓޯން ބޭބީޒްގެ 300 ކޭހެވެ.