ރައްޔިތުންގެ މަޖިލިސް

މަހިބަދޫ ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވަނީ މަހިބަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ މިނިސްޓަރު އަސްލަމްއާ ސުވާލުކުރައްވާފަ އެވެ.

އަސްލަމް ވިދާޅުވީ މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތެއް ނޫން ކަމަށާއި މިހާތަނަށް އެރަށުގެ ބިން ހިއްކުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުން މަހިބަދޫ އަކީ މާލެ ފިޔަވައި ބިމުގެ ބޮޑުމިނާއި އާބާދީއަށް ބަލާއިރު އެންމެ ތޮޮއްޖެހުން ބޮޑު ރަށެވެ.

މަހިބަދޫ ކައުންސިލްގެ މެންބަރުން ވަނީ މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލުކުރައްވާ އެ ރަށަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރަން ބިން ހިއްކައިދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

މިބައްދަލުކުރެއްވުމުގައި މަހިބަދޫ ކައުންސިލްގެ މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީވެސް މަހިބަދޫގެ ބިން ފުރިފައިވާތީ ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ވާހަކަތަކެވެ.

ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާ ކަމަށްވާތީ އެ ރަށުގެ ބިން ހިއްކުމަށް ރަށު ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމަށް ކައުންސިލްގެ މެންބަރުން ވަނީ މިބައްދަލުކުރެއްވުމުގައި ވެސް ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކަވައިގެން އެދެވޭ ހައްލުތަކެއް ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.