އައިޝަތު ނަހުލާ

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ފަށަނީ

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެެ.

ބައިނަލްއަގުވާމީ ކަނޑުދަތުރާ ބެހޭ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކޮވިޑަށްފަހު ރާއްޖެ އަންނަ އާގުބޯޓު އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ޝިޕިންގެ ދާއިރާއަށް ކުރާ ފައިދާ އިތުރުވަމުންދާ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ މަންފާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓު ފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަކީ ފީޒިބަލް ކަމަކަށް ނުވިޔަސް މި އަހަރު އެ މަސައްކަތް ފަށާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު އޭރު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެމެރިކާގެ ބޮސްޓަން ކޮންސަލްޓަންސީ ގްރޫޕަކުން ހަދާފައި އޮތް ދިރާސާ އިން ދައްކާ ގޮތުގައި މި ޕްރޮޖެކްޓަކީ ވައިބަލް- ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭނެ- ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

މި ސަރުކާރުން ވެސް ދިރާސާއެއް ހަދާފައިވާނެ ކަމަށާއި އެ ދިރާސާ އިން ދައްކާ ގޮތުގައި ވެސް އެއީ ވިޔަފާރީގެ ނަޒަރަކުން ކުރެވޭވަރުގެ ކަމެއް ނޫން ކަމަށް ދައްކާފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު އޭރު ވިދާޅުވި އެވެ.