އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ފެއާ ހުކުރު ދުވަހު ބާއްވަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ހިއުމަން ރައިޓްސް ފެއާ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ފެއާ ކުރިއަށްދާނީ ހުކުރު ދުވަހު ހުޅުމާލެ ސެންޓަރަލް ޕާކުގައި ހަވީރު 4:00 އިން 6:00 އަށެވެ.

މިފެއާގައި އެޗްއާރްސީއެމްގެ އިތުރުން ޖުމްލަ 19 ފަރާތަކުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ޖެންޑާ މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހޮރައިޒަން ފިޝަރީޒް، ދިރާގު އަދި އުރީދޫގެ އިތުރުން އެހެން ބައެއް އިދާރާތަކާއި ކުންފުނިތަކާއި ބައެއް އަމިއްލަ ޖަމިއްޔާތައް ވެސް ބައިވެރިވެ އެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މި ފެއާ ކުރިއަށްދާއިރު ޒުވާނުންނާއި ކުޑަކުދިންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ. މީގެ ތެރޭގައި ރޮބޯމޭން އާއި، ކޮމީޑިއަން ހަމީޝްގެ ހެއްވާ މަޖާ ވާހަކަތަކާއި އަދި މަޝްހޫރު ބޮޑުބެރު ގުރޫޕް ދަންމާނުގެ ފޯރިގަދަ ހުށައެޅުންތައް ހިމެނެ އެވެ.

ފެއާގެ މަގުސަދުތައް

  • ފެއާގައި ބައިވެރިވާ އިދާރާތައް އަދި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވުން
  • އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދާނެ އަވަސް ގޮތްތަކާއި މެދު އާއްމުން ހޭލުންތެރިވުން
  • ވަކިކަމަކާ ގުޅިގެން އެހީތެރިކަން ހޯދާނެ ފަރާތްތައް އެގުން
  • އެޗްއާރްސީއެމް އާއި، ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާތަކާއި އަދި އާއްމުންނާއި އޮންނަ ގުޅުން ބަދަހިކުރުން
  • އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ގުޅުން ބަދަހިވެގެން ދިއުން

މީގެ އިތުރުން ކޮންމެ ސްޓޯލަކުން ވެސް އެ ސްޓޯލެއް ނިސްބަތްވާ އިދާރާގެ މައުލޫމާތު ލިބޭނެ އެވެ. އަދި ސްޓޯލްތަކުގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެ އިނާމު ހޯދޭނެ އެވެ. އަދި އެޗްއާރްސީއެމް އިން ކުރިއަށް ގެންދާ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. ފެއާގައި ބައިވެރިވާ ފަރާތްތަކަށް ކެންޓީނެއްގެ ހިދުމަތް ލިބެނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ ވީހާވެސް ގިނަ ބަޔަކު ފެއާގައި ބައިވެރިވެ ސްޓޯލްތަކުން ކަމާ ގުޅޭ މައުލޫމާތުތައް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.