އެޗްއާރްސީއެމް

ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ބެހެއްޓި މައްސަލައެއް ބަލަނީ

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ކުޑަކުއްޖަކު ބެހެއްޓުމަށްފަހު ބެލްކަނިން ނިކުންނަން ހުންނަ ދޮރު ތަޅުލި މައްސަލައެއް ބަލަން ފަށައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިމައްސަލަ ބަލަން ފަށާފައި މިވަނީ ކުޑަކުއްޖަކު ބެލްކަނީގައި ތަޅުލާފައި ހުއްޓާ އެ ކުއްޖާ ގޭގެ އެތެރެއަށް ވަންނަން މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

އެޗްއާރްސީއެމް އިން މިއަދު ބުނީ މިމައްސަލަ ރޭގެ ވަގުތެއްގައި ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

ކުޑަކުއްޖާގެ މި ވީޑިއޯ އަކީ އެ ކުއްޖާގެ ކަރާމަތަށް އަސަރުކުރާނެ ކަމަކަށްވާތީ މިފަދަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ހިއްސާ ނުކުރުމަށްވެސް އެޗްއާރްސީއެމް އިން އެދިފައިވެ އެވެ.

ކުޑަކުދިންނާ ގުޅޭގޮތުން ހިންގާ މިފަދަ ކަމެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށްވެސް އެޗްއާރްސީއެމް އިން އެދިފައިވެ އެވެ.