ބައިނަލްއަގްވާމީ އަލްޒައިމާސް ދުވަސް ނުވަތަ ހަނދާންނެތޭ ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ ބިލްޑިން ދިއްލާލުމަށް ނިންމައިފި އެވެ.
މިއަދު ފާހަގަކުރާ އަލްޒައިމާސް ދުވަަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ ބިލްޑިން ދިއްލާލުމަށް ހަމަޖެހިފައިވަނީ މިބަލީގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ދަނބުކުލައިންނެވެ.
އަވަސްއާ ވާހަކަދައްކަވަމުން އަލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފައުންޑަރު މަރިޔަމް ފިޔާޒާ ވިދާޅުވީ ސްޓެލްކޯ ބިލްޑިން ދިއްލާލުމުގެ އިތުރުން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ ސްޓެލްކޯ ބޮޑު ސްކްރީނުގައި މިބައްޔާއި މެދު ހޭލުންތެރިކުރުމުގެ ޕޯސްޓަރުތަކެއް އާންމުންނަށް ފެންނާނެހެން ދައްކަމުންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އަލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ހަނދާންނެތޭ ބަލީގެ އަލާމާތްތައް
- އާންމުކޮށް ކުރާ ކަންކަމަށް ނޭދެވޭ އަސަރުކުރުން
- ކަންކަން ރޭވުމަށާއި މައްސަލަ ހައްލުކުރުމަށް ދަތިވުން
- ކުރިން ފަރިތަކަމާއި އެކު ކުރި ބައެއް ކަންކަން ކުރަން ދަތިވުން
- ވަގުތާއި ތަންތަން އޮޅުން އެރުން
- ފެންނަ މަންޒަރު ސިފަކުރުމާއި ދުރުގާތް ވަޒަންކުރަން އުނދަގޫވުން
- ވާހަކަދެއްކުމުގައި ދަތިތަކެއް ކުރިމަތިވުން
- ގެންގުޅޭ އެއްޗެހި ބެހެއްޓޭތަން ހަނދާން ނެތުން
- ރަނގަޅު ނޫން ނިންމުންތައް ނިންމުން
- ކުރާ މަސައްކަތާއި ނުވަތަ އެކީ އުޅުނު މީހުންނާއި ދުރުހެލިވުން
- މިޒާޖު ތަފާތުވެ އުޅުމަށް ބަދަލުއައުން
މިބައްޔާ މެދު އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ބަލީގެ އަލާމާތްތަކާއި ގުޅޭ ޕޯސްޓަރުތައް އާންމުކުރުމާއި، މިމަހަކީ ޑިމެންޝިޔާ މަސް ކަމުގައިވާތީ، ޑިމެންޝިއާއާއި އަލްޒައިމާ އާއި ގުޅޭ އެކިއެކި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުންވެސް ހިމެނެ އެވެ.
އަލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޑރ. މުހައްމަދު އަލީ މައުލޫމާތު ދެއްވި ގޮތުގައި އަލްޒައިމާސް އަކީ ޑިމެންޝިއާގެ އެންމެ އާންމު ވައްތަރެވެ.
ޑިމެންޝިއާ އަކީ ވިސްނުމަށާއި، ހަނދާންކުރުމުށާއި އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުމަށް ކިޔާ ނަމެކެވެ.